ކަށިމާ ހިނގުމާއި ބުރުޒުމަގާ ގުޅުނު ކަންމަތީގައި ޕާކު ކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް އިއްޔެ ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަށިމާ ހިނގުމާއި ބުރުޒުމަގު ގުޅުނު ކަންމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ދުވަހުގެ ހެނދުނު 9:06ގައި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން "ވަން" އިން މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޮފިސަރު ވިދާޅުވީ މި މައްސަލައާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ފައިސާ ފެނުނު ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ.
ކަން ހިނގައި ދިޔަގޮތް އެނގޭ މީހަކު "ވަން" އަށް އިއްޔެ ބުނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު ޕާކު ކުރުމަށްފަހު ޑރ. ޑީޑީ ޑެންޓަލް އަށް ވަތް ކަމަށެވެ. އޭގެ އިރުގަނޑެއްފަހުން އޭނާ ނިކުމެ ސައިކަލުގެ މަޑިދަށް ފަޅާލާފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި މީހުން ގާތުން ވައްކަން ކުރި މީހާ އެނގޭތޯ ސުވާލު ކުރި ކަމަށެވެ.
ނަމަވެސް އެވަގުތު އެސަރަހައްދުގައި ތިބި އެއްވެސް މީހަކަށް އެކަން ފާހަގަ ނުވާ ކަމަށް ބުނުމުން އޭނާގެ މަޑިދަށުގައި ހުރި 130،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހުރިތޯ ބަލައި ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު