ހުޅުމާލެ ފްލެޓަކުން ވައްކަން ކޮށް 1،300 އަށް ވުރެ ގިނަ ޑޮލަރާއި ތިން ފޯނު ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ 113 ނަންބަރު ފްލެޓުން ރޭ ފަތިހު 03:19 ހާއިރު ވައްކަންކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ތިން ފޯނާއި 1،300 އަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ވައްކަން ކޮށްފައިވަނީ އެގޭގެ މީހުން ނިދާފައި ތިބި ވަގުތުއެވެ.

މި މިއްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.