އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކުރެވިއްޖެނަމަ ވަޒީފާ ދޭނީ އެ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށް ވިދާޅުވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްކެވި ވާހަކަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކުރައްވައިފިއެވެ.
ޗެނަލް 13 އިން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، މި ސަރުކާރުން ވަޒީފާތައް އުފައްދަަމުންދާ ކަމަށާއި އެ ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން ނެގުމުގެ ބަދަލުގައި މުޅީންވެސް އެމްޑީޕީގެ މެންބަރުން ނަގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ މެންބަރުން ވަޒީފާއިން ވަކިކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ސަބަބުތަކަށްޓަކައި ޕީޕީއެމްގެ ވެރިކަމެއްގައި ވެސް ވަޒީފާތައް ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭނެ ކަމަށެވެ. އެގޮތުން ރަށްރަށުގައި އުފެދޭ ވަޒީފާތައް ހާއްސަކުރާނީ ޕީޕީއެމް މީހުންނަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުވެސް އެބަޖެހޭ އަޅުގަނޑަށް ތާއީދު ކުރާ މީހުން ހިފަހައްޓަން. އެހެންވީމަ އަޅުގަނޑު ބުނި ވާހަކައަކީ މުޅި ދައުލަތުގެ ހުރިހާ ވަޒީފާއެއް ބަހާ ވާހަކައެއް ނޫން. މިހާރުވެސް މި ރަނގަޅު ކުރަނީ. އޭރުވެސް ބުނެފައި އޮންނާނީ އެހެނެއް ނޫން. އަޅުގަނޑު ދެންނެވި ވާހަކައަކީ ސިޔާސީ ގޮތުން އަޅުގަނޑުމެން ދާންވާ ހިސާބަކަށް ދިއުމަށްޓަކައި ޕީޕީއެމުން ނިންމަައިފާނެއޭ ކޯލިޝަނެއް ހަދަން. އަޅުގަނޑު ނިންމާނެއެކޭވެސް ނޫން ދެންނެވީ. ޕީޕީއެމުން ކޯލިޝަން ހެދި ނަމަވެސް، ރަށްރަށުގައި ހުންނަ ވަޒީފާތަކަކީ ވަރަށް މަދުން އުފެދޭ ވަޒީފާތަކެކޭ މައިގަނޑު ވަޒީފާތައް މި އޮންނަނީ މާލެއާ ބޮޑެތި ރަށްރަށުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކޯލިޝަނަކާއެކު ވެރިކަމަށް އަޔަސް، ރަށްރަށުގައި އުފެދޭ ވަޒީފާތައް ކޯލިޝަނަށް ނުދޭނެ ކަމަށާއި އެ ވަޒީފާތައް ހާއްސަކުރާނީ ޕީޕީއެމްގެ މީހުންނަށް ކަމަށެވެ. އަދި އެއީ ދައުލަތުގެ ހުރިހާ ވަޒީފާތަކެއް ހާއްސަ ކުރާ ވާހަކައެއް ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
މިހާރު ވަޒީފާއިން ވަކިކުރާ ޕީޕީއެމްގެ މީހުންނަށް ޕީޕީއެމްގެ ވެރިކަމެއްގައި އަލުން ވަޒީފާ ދޭނެ ކަމަށެވެ. އަދި ކުރިން އެމަނިކުފާނުގެ ވެރިކަމުގައި ވަޒީފާތައް ހާއްސަކުރީ ވަކި ޕާޓީއަކަށް، ވަކި ފިކުރަކަށް ބަލައިގެން ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރައްވައި ވެސް ރައީސް ޔާމީން އެ ވާހަކަތައް ދެއްކެވިއެވެ. ނަމަވެސް ވެރިކަމަށް އާދެވިއްޖެނަމަ، ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަަމަށް ބުނެ، ނޫސްތަކުން އޭރު ހަބަރު ލިޔެފައިވަނީ އެމަނިކުފާނު ދެެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅުވާލައިގެން ކަމަށް ބުނެ ޕީޕީއެމުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު