ރ. ކިނޮޅޮހާއި ބ. ގޮއިދުއާއި ނ. މާޅެންދުއާއި އެ އަތޮޅު ކުޑަފަރީގައި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ގާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ޝާހް ރޭ ވިދާޅުވީ، ކޮވިޑުގެ ސަބަބުން އެމްޑަބްލިޔުއެސްސީން ރަށްރަށުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތައް އެންމެ ބޭނުންވާ ސްޕީޑުގައި ނުކުރެވޭ ކަމަށެވެ. އެގޮތުން ރަށްތައް މޮނީޓަރިންނަށް ލުމާއި ގިނަ ސިވިލް އިންޖިނިއަރުން ކަރަންޓީންގައި ތިބުމާއި ތަކެތި ގެނައުމުގެ ދަތިތައް ފާހަގަކުރެއްވިއެވެ.
ޝާހް ވިދާޅުވީ، ދަތިތަކާއެކުވެސް އެއްވެސް މަޝްރޫއެއްގެ މަސައްކަތް ނުހުއްޓޭ ކަމަށާއި މިހާރުގެ އަމާޒަކީ 2019 ވަނަ އަހަރު އެކުންފުންޏާ ހަވާލު ކުރި ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި ނިންމައި ސަރުކާރާ ހަވާލު ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެންމެ ބާރުލާފައި މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންނަށް 2019 ގައި ހަވާލު ކުރެވުނު ރ. ކިނޮޅަހާއި ބ. ގޮއިދުއާއި ނ. މާޅެންދުއާއި ނ. ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާފައި އެ މަސައްކަތްތައް ސަރުކާރަށް ނުވަތަ ޕްލޭނިން މިނިސްޓްރީއާ ހަވާލު ކުރުން" ޝާހް ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ، އެރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލެވިފައިވާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ތާނގީތައް ހެދި ބައެއް ތާނގީތަކަށް ފެން އެޅި ޓެސްޓު ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ޝާހް އިތުރަށް ވިދާޅުވީ، އިތުރު 20 ރަށެއްގެ ފެނާއި ނަރުދަމާ އަޅަން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތްތައް ކުރިއަށް ގެންދަން ދަތިތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު ދައްޗަކީ ސައިޓް އިންޖިނިއަރުން ހޯދުމުގައި ހުރި ދަތިތައް ކަމަށެވެ.