ރާއްޖޭގެ ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިސަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ފައްޓަވާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13ގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގުރާމުގައި ރައީސް ޔާމީން މިރޭ ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން މުޅި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ނުހުއްޓުވޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވަން ގާނޫނެއް ފާސްކުރި ނަމަވެސް ނުހުއްޓާނެ ކަމަށާއި އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމާ ރާއްޖޭގެ ޝަރުއީ ކޯޓުތަކުންވެސް ދެކޮޅު ނުވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނާއި މަސައްކަތްތެރީންނަށް ނުރައްކާވާ ކަމަށް ސަރުކާރާ އެއްކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން އިންޑިއާގައި ތިބޭ ދިވެހިންނަށް ނުރައްކާވާ ކަމަށް ބުނެ އެކަން ހުއްޓުވަން ކަމަށާއި ނަމަވެސް އެކަމަށްވެސް ތާއީދެއް ނުލިބުން ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނަށް ވެސް ނުރައްކަލެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އެމީހުންނަށް ނުރައްކާވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެމީހުންނަށް ނުރައްކަލެއް ކުރަންޏާވެސް ކުރާނީ އެމްޑީޕީން. އިންޑިއާގެ މަދަނީ ފަރާތްތަކާ ދެކޮޅުވެރިކަމެއް އޮވެގެންނެއް ނޫނޭ. އަޅުގަނޑުމެން މިއުޅެނީ އިންޑިއާގެ މިލިޓަރީ މިތާ ތިބެގެން އެކަމާ ނުރުހިގެން. ދެގައުމުގެ ރައްޔިތުންގެ މަދަނީ ގުޅުން ރަނގަޅު،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާ އައުޓް ކެމްޕެއިން ފަދަ ސިޔާސީ ހަރަކާތްތަކުގެ ސަަބަބުން އިންޑިއާ ޓީޗަރުންގެ ސަލާމަތަށް ނުރައްކާވެ، ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދެމުން އަންނަ ކަމަށެވެ. އަދި އިންޑިއާގެ ޓީޗަރުންނަށް ފުރައްސާރަކުރާ މައްސަލަތައް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.