އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަންތަކުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކަށް ވޯޓުލާން ހާއްސަ ވަގުތެއް ކަނޑައަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ކުރި އިއުލާނެއްގައި ވަނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމަށް ކަނޑައަޅާފައިވަނީ އެދުވަހުގެ ހަވީރު 3:00 އިން 4:00 އަށް ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ވޯޓުލާން އަންނައިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އައުމަށްވެސް އީސީން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 3،309 މީހަކަށެވެ. އެއީ އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ ރައްޔިތުންގެ ތެރެއިން ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފަރާތްތަކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކުރިމަތިލާފައިވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު (ރާޑޯ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމުން މުސާ ފަތުހީއެވެ.