ހިޔާ ޓަވަރުތަކުގެ ކޮމާޝަލް ސަރަހައްދުތަކުގައި ގުރުއާން ކްލާހަކާއި ޓިއުޝަން ސެންޓަރެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ހިޔާގެ ކޮމާޝަލް ސަރަހައްދުތަކުގައި ގުރްއާން ކްލާހާއި ޓިއުޝަން ސެންޓަރު ހިންގަން ޖާގަ ކުށްޔަށް ދޭނީ ކުއްޔަށް ހިފާ ފަރާތުން އަމިއްލައަށް ޑިޒައިންކޮށްގެން ހިންގާ ގޮތަށެވެ.

އެޗްޑީސީން ބުނީ ޓިއުޝަން ސެންޓަރާއި ގުރުއާން ކްލާސް ހިންގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯޝަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކޮށްފައިވާއިރު، ކޮންމެ ބުރިއެއްގައި 20 ފްލެޓު ހުރެއެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި ބަސް ޓާމިނަލަކާއި ވަގުތީ މިސްކިތަކާއި ދާއިމީ މިސްކިތެއް މިހާރު ވަނީ ގާއިމުކޮށްފައެވެ. އަދި ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.