ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ މަޝްރޫއުގެ ދަށުން، ފެލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާރު ހަވާލު ނުކުރެވި ހުރީ ވަރަށް މަދު ފްލެޓެއް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގެ ހައުސިން އެންޑް އިންފްރާންސްޓްރަކްޗާއިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، މިއަދު ވަން އަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެދަށުން ހަވާލު ނުކުރެވި މިހާރު ހުރި ފްލެޓް ތަކަކީ އެކި މައްސަލަތައް ދިމާވެފައިވާ ޕްލެޓްތަކެއް ކަމަށެވެ. އެ މައްސަލަތައް ސާފު ކޮށް ކޯޓު މަރުހަލާއިން ނިންމަން ޖެހޭ ކަންތައްތައް ނިންމައި އެތަންތަން ހަވާލު ކުރަން ޖެހޭ ފަރާތްތަކާ ހަވާލު ކުރަމުން އަންނަ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ އެއީ ވަރަށްމަދު ފްލެޓްތަކެއް ކަމަށެވެ.
ހިޔާ މަޝްރޫއުން ލިބުނު ފްލެޓް ބައެއްމީހުން ދޫކޮށްލިއެވެ. އޭގެ ތެރެއިން 70 އަށްވުރެ ގިން މީހުން، ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް އެޕާޓްމެންޓްތަކަށް ހުށަހެޅިއެވެ.
އަކުރަމް ވިދާޅުވީ އެކަންތައްތަކުގެ ސަބަބުން ހިޔާ މަޝްރޫއުން، ބާކީވި ފްލެޓްތައް، ހިޔާ މަޝްރޫއުގެ ޝަރުތު ހަމަވާ ލިސްޓުގައި ފްލެޓް ނުލިބި ތިބި މީހުންގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ މީހުންގެ ތަރުތީބުން ދޫކުރަން ވިސްނަމުން އަންނަ ކަމަށެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަބްދުލްގައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭހުގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށްފަހު ގިނަ އާއިލާތަކެއް މިހާރު އެ ފްލެޓްތަކުގައި ދިރިއުޅެމުން އެބަ ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު