ފްރެންޗް ކަޕުގެ ގަދަ 16 ގައި ރޭ ނީސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ.

ރޭ ޕީއެސްޖީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ގޯލެއް ނުޖެހުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޕީއެސްޖީ ބަލިވީ 6-5 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީއަށް ޕެނަލްޓީ ނާކާމިޔާބު ކޮށްލި ހަމައެކަނި ކުޅުންތެރިޔަކީ ޒަވީ ސިމޮންސް އެވެ. އޭނާ ޖެހި ޕެނަލްޓީ ނީސްގެ ގޯލްކީޕަރު މާސިން ބުލްކާ ވަނީ މަތަ ކޮށްފައެވެ.

ރޭގެ މެޗަކީ ކަޕް މެޗެއް ނަމަވެސް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ވަރުގަދަ ބައެއް ނަންތައް ފުރަތަމަ 11 އަށް ނެރެފައެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއި ޖިއާންލުއީޖީ ޑޮނަރޫމާ އަދި މާކޯ ވެރާޓީގެ އިތުރުން ޕްރެންސެލް ކިމްޕެންބޭ، އެންޑާ ހެރޭރާ، އަދި ނޫނޯ މެންޑޭޒްވެސް ހިމެނެއެވެ.

ވަރުގަދަ ފުރަތަމަ 11 އަކާއި އެކު ނުކުތް ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެޓީމަށް ގޯލެއް ނުޖެހި މާޔޫސްކަމާ ކުރިމަތިލާން ޖެހުނީއެވެ. އެ ނަތީޖާއާއެކު ކޯޗު ޕޮޗެޓީނޯއަށް ވަނީ އަނެއްކާވެސް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.

ނީސްއިން ކުއާޓާ ފައިނަލުގައި ކުޅެން ޖެހޭނީ މާސޭއާ ދެކޮޅަށެވެ.