ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ ޕީޕީއެމާއި އެމްޑީޕީ މެންބަރުން ޑީލް ހަދައިގެން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލް ހަންނާނަށް ކެންޕެއިން ކުރުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި، ކުރީން ޕޮލިސް ކޮމިޝަނަރުކަންވެސް ކުރެއްވި ރިޔާޒް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން އެހެން ބަޔަކަށް ވިއްކާލުމާ އެމްއެންޕީން އަަބަދުވެސް ދެކޮޅުވާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ގާނޫނަށް އިސްލާހު ގެނައީ، އެމްޑީޕީއާއި ޕީޕީއެމުން ޑީލް ހަދައިގެން ކަމަށާއި އެކަމާ ދެކޮޅަށް އެއިރުވެސް އަޑުއުފުލާފައިވާނެ ކަމަށެވެ.

"ގާނޫނު އަސާސީ ޑީލު ހަދައިގެން ބަދަލުކުރީ އެމްޑީޕީއާއި ޕީޕީއެމްގެ މެންބަރުން. އެއީ ރާއްޖޭގެ ތާރީހު ދަންނަ ހަގީގަތެއް" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ތްރީ ލައިން ވިޕަކީ އޮންނަ އެއްޗެއް ނޫން ކަމަށާއި އެމްއެންޕީގައި ތިރީ ލައިން ވިޕެއް ނޯންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބުނެފައިވަނިކޮށް، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ބިމުން ބައެއް މިލްކު ކުރެވޭނެ ކަމަށް ހިމަނައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާ އިސްލާހު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 22 ޖުލައި 2015ގައެވެ.

ބިން މިލްކުރެވޭ އިސްލާހު ގާނޫނުއަސާސީގައި ހިމެނުމާ ދެކޮޅަށް އޭރު ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ.

ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މި ސަރުކާރުން ވަނީ ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ.