އާސެނަލް ދޫކޮށް ބާސެލޯނާއަށް ދިޔުމަށް ގެބޯންގެ ފޯވަޑް ޕިއޭ-އެމެރިކް އަބަމަޔާން ސްޕެއިންއަށް ގޮސްފިއެވެ.
ފިނި މޫސުމުގެ ޓްރާންސްފާ ފަހު ދުވަހަށް ގޮސްފައިވާ އިރު، މިވަގުތު ދަނީ ގިނަ ޓްރާންސްފާތަކެއް ހިނގަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އުމުރުން 32 އަހަރުގެ އާސެނަލް ފޯވަޑް އަބަމަޔާން ބާސާއަށް ދާނީ މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގައެވެ.
އަބަމަޔާން އާސެނަލް ދޫކޮށްދާން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި އިރު، އޭނާ ޑިސެމްބަރު ފަހުން އާސެނަލްއަށް ކުޅެފައެއް ނުވެއެވެ. އަބަމަޔާން އާސެނަލްއަށް އޭގެ ފަހުން ކުޅެފައި ނުވަނީ އަހުލާގީ ފިޔަވަޅު އެޅުމުންނެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަބަމަޔާންއާ މެދު އަހުލާގީ ފިޔަވަޅު އެޅީ ކްލަބަށް ނާންގައި އަމިއްލަ ބޭނުމަށް ޗުއްޓީއަށް ދިޔުމުންނެވެ. އަބަމަޔާން ބައެއް ތަމްރީނުތަކަށް ރިޕޯޓު ކޮށްފައި ނުވާ އިރު، އޭރު އާސެނަލްގެ ކެޕްޓަން ކަމުގައިވެސް ހުރީ އޭނާއެވެ.
އާޓެޓާ ވަނީ އަބަމަޔާންގެ އަހުލާގީ މައްސަލަތަކުގެ ސަބަބުން ބޭންޑް ވެސް އަތުލައިފައެވެ.
އޭގެ ފަހުން އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ކުޅެން އަބަމަޔާން ތައްޔާރުވި ނަމަވެސް އޭނާއަށް ގައުމު ތަމްސީލުކުރަން ނުދެވުނީ ކޮވިޑަށް ޕޮސިޓިވް ވުމުންނެވެ. ކޮވިޑުން ރަނގަޅުވެ ގެބޯންއަށް ކުޅެން އަބަމަޔާން ތައްޔާރުވި ނަމަވެސް ކޮވިޑަށްފަހު ހިތުގެ މައްސަލައެއް ދިމާވެ އޭނާ ގައުމީ ޓީމަށް ގޮސްފައެއް ނުވެއެވެ.
ޖެނުއަރީގެ ޓްރާންސްފާ ސީޒަންގައި އަބަމަޔާން ސައުދީ ލީގުގެ އަލް ނަސްރަށް ދާން އުޅުނު ކަމަށް ބައެއް ނޫސްތަކުން ބުނި ނަމަވެސް، އިތުރުބާރު ހުރި ނޫސްވެރިން ރިޕޯޓު ކޮށްފައި ވަނީ އަބަމަޔާން ބޭނުންވީ އަދިވެސް ޔޫރަޕްގެ މަތީ ފަންތީގައި ކުޅުމަށް ކަމަށެވެ. އަބަމަޔާން ޑީލް ފައިނަލް ކުރުމަށް ދެ ކްލަބުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ޓްރާންސްފާ ޑެޑްލައިން ޑޭގެ ހަބަރުތައް ކުރިއަށް އަދިވެސް އޮތް އިރު، ދާދި ދެންމެއަކު އެވަޓަންއިން ވަނީ އެ ކްލަބުގެ އާ ކޯޗަކީ ފްރޭންކް ލެމްޕާޑު ކަން ޔަގީން ކޮށްދީފައެވެ. އޭގެ އިތުރުން އެ ކްލަބުން ވަނީ ޓޮޓެންހަމްގެ ޑެލީ އަލީ ގެންދަންވެސް އެއްބަސްވުމަކަށް އައިސްފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުން ޑެލީ އަލީ އެވަޓަންއަށް ދާނީ ދާއިމީ އެއްބަސްވުމެއްގައެވެ. އެއްބަސްވުމަށް ދެ ކްލަބު ދިޔަ ފައިސާގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޓޮޓެންހަމްގެ މިޑްފީލްޑަރު ޓަންގައި އެންޑޮންބެލޭ މިއަދު ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ލިޔޯންއަށްވެސް ގޮސްފައެވެ. އޭގެ އިތުރުން އާރޮން ރެމްސީގެ "ޝޮކިން" ޓްރާންސްފާވެސް ވަނީ ފާހަގަވެފައެވެ. ޔުވެންޓަސް ދޫކޮށް ރެމްސީ ރޭންޖާސްއަށް ދިޔައީ ލޯން އެއްބަސްވުމެއްގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު