މަސްތުވާތަކެއްޗާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މަސްތުވާތަކެއްޗާއެކު ވީއައިއޭއިން މިއަދު މީހަކު ހައްޔަރުކޮށްފައިވާކަން "ވަން" އަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ވީއައިއޭއިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ ޒުވާނާ ހައްޔަރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ވީއައިއޭގައި ހުންނަ، "ދޮވެވި" ފިހާރަ ކައިރިންނެވެ. އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ކުލަ ހެދުމުގައި ތިބި ފުލުހުންގެ ޓީމަކުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނާ ހައްޔަރުކުރި ސަރަހައްދުވަނީ ފުލުހުން ބަންދުކޮށްފައެވެ. އަދި އެ ޒުވާނާ ހުރީ ފުރަގަހަށް ބިނޑި އަޅުވައިފައެވެ.

އެ ޒުވާނާގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަން ސާފު ނުވިޔަސް، އޭނާ ގެންގުޅުނު ޕެކެޓްތަކުން ފޭބި މަސްތުވާތަކެތީގެ ހިކި ބާވަތެއް ބިން މައްޗަށް ވެއްޓި ސަރަހައްދަށް ފެތުރިފައިވެއެވެ. އަދި ފުލުހުން އެ މަސްތުވާތަކެތިތައް ނަގަމުންދާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.