ޚަބަރު

ކޮވިޑް ކޭސްތައް އިތުރުވާތީ, އިމިގްރޭޝަންގެ މުވައްޒަފުންނަށް ލުއި ދެނީ

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ, މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ލުއިދޭން ނިންމައިފިއެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ, ކޮވިޑް ކޭސްތައް އިތުރުވަމުންދިއުމާ ގުޅިގެން, އެ އިދާރާއިން ދޭ ހިދުމަތްތަކަށް ބުރޫ އަރައިފާނެތީ, މުވައްޒަފުންނަށް ދެވެން ހުރި ލުއިތައް ދެމުން އަންނަ ކަމަށެވެ. އަދި އެ ލުއިތައް ދެމުން އަންނަނީ ސިވިލް ސާވިސްގެ ގަވާއިދުގެ ތެރެއިން ކަމަށްވެސް ބުންޏެވެ.

އެގޮތުން އިދާރީ މުވައްޒަފުން ދެ ގަޑިއަކަށް ބަހާލައިގެން މަސައްކަތަށް ނެރެން ނިންމާފައިވާ އިރު, ޕޮޒިޓިވް މީހަކާ ދިމާވެފައިވާ މުވައްޒަފުން އެ މުވައްޒަފަކު ކުރާ މަސައްކަތެއްގެ ބާވަތުން ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިންވެސް ކޮވިޑް ފެތުރެން ފެށުމުން, ސަރުކާރުގެ މުވައްޒަފުންނަށް ލުއިތަކެއް ދިނެވެ. އެ ލުއިތައް ދިނުމާ ގުޅޭގޮތުން "ވަން" އިން ރައީސް އޮފީހުގެ އޮފިޝަލަކާ ސުވާލުކުރުމުން އަދި ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.