ޖަލަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސާމާނާއެކު މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފޭސް ދެއަކުން ހައްޔަރު ކުރި މީހުންގެ އަތުން، ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި ވަގަށް ނެގި ތިޖޫރި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހަކަށް ފުލުހުން ފެނުމުން އެ ތިޖޫރީ އެއްލާލައި ފިލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެމީހުން ހުއްޓުވައި އެ މީހުން ބަލައި ފާސްކުރި އިރު، ފުރަތަމަ އެއްވެސް އެއްޗެއް ދެމީހުން އަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ތިޖޫރިއަކީ ހުޅުމާލޭގައި ހުންނަ މީރާ އޮފީހުގެ ތިޖޫރިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެ ތިޖޫރި ވަގަށް ނަގާފައިވަނީ އެ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށްވެސް ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ މި ތިޖޫރީގައި 1800 ރުފިޔާ އާއި 2000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ފައިސާ ހުންނާނެ ކަމަށް މީރާއިން ބުނެފައިވާ ކަމަށެވެ.
ތިޖޫރީ އެއްލާލައި ފިލަން މަސައްކަތް ކުރި ދެ މީހުންނާއި ސުވާލުކޮށް އިތުރަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ތަކެއްޗާއެކު އިތުރު ހަތަރު މީހަކު ހިޔާ ދޭއްގެ އެޕާޓްމަންޓަކުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހަމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލާގައި ހިމެނޭ 18 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކު ޝަރުތު ތަކަކާއެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ. ދެން ތިބި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް މިމަހުގެ 29 ވަނަ ދުވަހު ދީފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
ފުލުހުން މީގެ ކުރިން ބުނީ މި އޮޕަރޭޝަނުގައި އެ އެޕާޓްމަންޓުން 18 މޯބައިލް ފޯނާއި 28 ޗާޖަރާއި 28 ހެޑް ސެޓާއި 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި ފެނުނު ކަމަށެވެ. އަދި އެ ތަކެއްޗަކީ ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައި ހުރި ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު