ޗައިނާގެ ބައިޖިންގައި މިއަހަރު ބާއްވާ ވިންޓާ އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލައި ޓައިވާނުގެ އެކްޓިވިސްޓުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން, އެގައުމުގެ ސަރުކާރަށް ގޮވާލައިފިއެވެ.

ޓައިވާނުގެ އެކްޓިވިސްޓުން މިދިޔަ ހަފުތާގައި ވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ބޭރުގައި ބެއިޖިން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށާއި ޗައިނާގެ އަތްދަށުން މިނިވަންކަން ހޯދުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.

އަދި ވިންޓާ އޮލިމްޕިކްސް އާއި ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓައިވާނުގެ އެތުލީޓުންނަށް ބަސްބުނުމުގެ މިނިވަންކަން ކަށަވަރުކޮށްދީ ރައްކާތެރިކޮށް ދިނުމަށް ޗައިނީސް ޓައިޕީ އޮލިމްޕިކްސް ކޮމިޓީއަށްވެސް ވަނީ ގޮވާލައިފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލުންވެސް ވަނީ އެކަމަށް ގޮވާލައިފައެވެ.

ވިންޓާ އޮލިމްޕިކްސްގައި ޓައިވާނުގެ ހަތަރު އެތުލީޓުން ބައިވެރިވާން ވަނީ ނިންމައިފައެވެ. ނަމަވެސް އޮފިޝަލުން ނުފޮނުވާން ވަނީ ނިންމައިފައެވެ.

ވިންޓާ އޮލިމްޕިކްސް ބޮއިކޮޓްކުރަން ޓައިވާނުން ގޮވާލަމުންދާ އިރު, 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސްއަށް އެގައުމުގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ކަންކަން ރަނގަޅު ކުރާނެ ކަމަށް ޗައިނާގެ ސަރުކާރުން ވައުދުވިއެވެ.

ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ 2008 ވަނަ އަހަރަށްވުރެ ޗައިނާގެ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސް ކަމަށެވެ. އަދި އޮލިމްޕިކްސް ގޭމްސް ބޭނުންކޮށްގެން ޗައިނާއިން އެގައުމުގެ ތަސްވީރު ރީތިކޮށް, އިންސާނީ ހައްގުތަކަށް އަރައިގަންނަ މިންވަރު ފޮރުވަން އުޅޭ ކަމަށްވެސް ބުންޏެވެ.

އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވިންޓާ އޮލިމްޕިކްސް ކުރިއަށްދާ އިރު, ވިންޓާ ޕެރަލިމްޕިކްސް ގޭމްސް ކުރިއަށްދާނީ މާޗް 4 އިން 13 އަށެވެ.