މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް ފޯވަޑް މޭސަން ގްރީންވުޑް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއްކޮށް، ނުރުހުމުގައި ޖިންސީ ގުޅުންތަކެއް ހިންގަން އުޅުނު ކަމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
އުމުރުން 20 އަހަރުގެ ގްރީންވުޑް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މޮޑެލް، ހެރިއެޓް ރޮބްސަންއަށް އަނިޔާކުރި ކަމަށް ބުނެ، ހެރިއެޓްގެ އިންސްޓާގްރާމް ސްޓޯރީއަށް މިއަދު ވަނީ ވީޑިއޯތަކެއްގެ އިތުރުން ފޮޓޯ އަދި އޯޑިއޯ ރެކޯޑިންތަކެއްވެސް ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ހެރިއެޓްގެ ނޭފަތް ފަޅައިގެން ދިއުމުގެ އިތުރުން ގައިގެ އެކި ތަންތަނަށް ޖިސްމާނީ އަނިޔާތައް ދީފައިވެއެވެ.
އޭގެ އިތުރުން ހިއްސާކުރި އޯޑިއޯތަކުގައި ގްރީންވުޑްގެ އަޑު ކަމަށް ބެލެވޭ އަޑަކުން ހެރިއެޓްއާ ދިމާލަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށް، ގަދަކަމުން ޖިންސީ ގުޅުން ހިންގަން އެދޭ ކަމަށް އިވެއެވެ. އެ މައްސަލަތައް މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މެންޗެސްޓާގެ ފުލުހުން ބުނީ މައްސަލައިގައި ކުރެވޭ ތުހުމަތުތަކަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދެވޭނީ އޭގެ ފަހުން ކަމަށެވެ.
ގްރީންވުޑްގެ ކްލަބު، މެންޗެސްޓާ ޔުނައިޓެޑުން ބުނީ މައްސަލައިގެ އިތުރު މައުލޫމާތު ހޯދައި، އެކަމަށް އަޅަން ޖެހޭ ފިޔަވަޅެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ޔުނައިޓެޑުން އެއްވެސް ވަރަކަށް އަނިޔާއަށް ތާއީދު ނުކުރާނެ ކަމަށާއި، ކްލަބުން އަބަދުވެސް އަނިޔާއާ ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ. އަދި ވަކި އެއްޗެއް އަންގަންދެން ޔުނައިޓެޑުގެ ތަމްރީނުތަކަށް ގްރީންވުޑް ނުނިކުންނާނެ ކަމަށްވެސް ކްލަބުން ވަނީ ބުނެފައެވެ.
ޔުނައިޓެޑުގެ އެކަޑެމީގެ ތެރެއިން ސީނިއާ ލެވެލްއަށް އަރައިގެން އައި އުންމީދީ ފޯވަޑް، ކްލަބަށް ފުރަތަމަ މެޗު ކުޅުނީ 2019 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުނައިޓެޑުގެ އެއްބަސްވުން ގްރީންވުޑް އާކޮށްފައިވާ އިރު، އިންގްލެންޑު ގައުމީ ޓީމުގެ ކޭމްޕުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެންވެސް ގްރީންވުޑަށް ފިޔަވަޅު އަޅާފައިވެއެވެ. އެއީ ކޮވިޑް 19ގެ އުސޫލު މުގުރާލައި، ހޮޓަލަށް އަންހެނުންތަކެއް ވެއްދި މައްސަލައެއްގައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ