ޚަބަރު

ތުރުކީން ރާއްޖެއަށް 20،000 ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމައިފި

އަލީ ޔާމިން

ކޮވިޑުން ދިފާއުވުމަށް ޖަހާ ސިނޮވެކް ވެކްސިންގެ 20،000 ޑޯޒް، ތުރުކީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޝަވުޝުގްލު ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ތުރުކީގެ ސަރުކާރުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާކުރަން ނިންމާފައި ވާތީ ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ.

ޗައިނާއިން އުފައްދާފައިވާ ސިނޮވެކް ވެކްސިން މީގެ ކުރިން ރާއްޖޭގައި ޖަހައިފައެއް ނުވެއެވެ. ރާއްޖޭގައި ޖަހަމުން އައީ ކޮވިޝީލްޑް ވެކްސިނާއި އެސްޓްރާޒެނެކާ ވެކްސިނާއި ފައިޒާގެ އިތުރުން ސިނޮފާމް ވެކްސިނެވެ.

ރާއްޖޭގައި މިހާރު އަންނަނީ ކޮވިޑުގެ ބޫސްޓާ ޑޯޒް ދެމުންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ދެނީ އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފައިޒާ ވެކްސިނެވެ. އެމެރިކާ އިން މިދިޔަ މަހު އެއް ލައްކަ ޑޯޒް ހަދިޔާކޮށްފައިވާ އިރު، މިމަހުގެ ތެރޭގައި ދެ ލައްކަ ޑޯޒް ހަދިޔާކުރިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ. މިއީ ތުރުކީއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި ފަހުން، އެ ގައުމުގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ. ތުރުކީގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ، ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.