އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނު ގާނޫނެއް ފާސްކޮށްގެން ހުއްޓުވޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި އެގޮތަށް ވިދާޅުވީ، "އިންޑިއާ އައުޓް" ފަދަ ރާއްޖެ އާއި ބޭރު ގައުމުތަކާ ދެމެދު އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ފަދަ އަމަލު ހިންގާ ފަރާތްތަކަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން އެމްޑީޕީން މިއަދު މަސައްކަތް ފެށުމާ ގުޅިގެންނެވެ.
އުޝާމް ވިދާޅުވީ، ގާނޫނެއް ހަދައިގެން "އިންޑިއާ އައުޓް" ނުހުއްޓުވޭނެ ކަމަށެވެ. އަދި ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބަދަލުގައި ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑުކޮށް ކަންކަން ހާމަކުރަން ޖެހޭ ކަމަށެވެ.
"ގާނޫނެއް ހަދައިގެން މިކަން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް. މިހެން ހަދާ ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގައި މިފަދަ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ މި ހާލަތަށް ކަންކަން ނުދާނެ،" އުޝާމް ވިދާޅުވިއެވެ.
އެ ބިލާ ގުޅޭގޮތުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރަކު "ވަން"އަށް މިއަދު ވިދާޅުވީ، ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ގާނޫނީ ނުވަތަ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް، ނުވަތަ އެއްބަސްވުންތަކާ، ނުވަތަ ދެ ގައުމުން ބަލައިގެންފައިވާ އުސޫލުތަކާ އެއްގޮތަށް އޮތް ކަމެއްގައި، އެ ގައުމެއް ނުވަތަ އެގައުމެއްގެ ސަރުކާރާއި މުއައްސަސާތަކާ ދެކޮޅަށް ރައްޔިތުންގެ ނަމުގައި، ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވިޔަސް މުޒާހަރާ ކުރުމާއި، ކެމްޕޭން ކުރުމާއި، ސިޔާސީ ހަރަކާތް ހިންގުމަކީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެ އަމަލެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވާ ކަމަށެވެ.
ބިލުގައިވާ ގޮތުން ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ފަދަ އަމަލު ހިންގާ މީހަކު އެކުރަނީ ކުށެކެވެ. އެހެންކަމުން އެ ހިންގާ އަމަލުގެ ބޮޑު ކުޑަމިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރެވިދާނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ ކެމްޕޭނުގައި ދަނީ އިންޑިއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަށް ގޮވައިލަމުންނެވެ. މި ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ވެސް އެ ކޯލިޝަނުން ދެކެއެވެ.
އިދިކޮޅުން އެންމެ ބޮޑަށް ގޮވަމުންދަނީ އިންޑިއާއެކު ހަދާފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުން މަޖިލިހަށާއި ރައްޔިތުންނަށް ހިއްސާކުރުމަށެވެ. އުތުރުތިލަފަޅުގެ އެއްބަސްވުމަށް މަޖިލީހުން ރުހުން ހޯދާފައިނުވާ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.