އަން ރިޔާސީ އިންތިހާބު ކާމިޔާބު ކޮށް ވެރިކަމަށް އާދެވިއްޖެނަމަ، ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެފައިވާ ކަމަށް ނޫސްތަކުން ހަބަރު ލިޔެފައި ވަނީ އެމަނިކުފާނު ދެެއްކެވި ވާހަކަފުޅުގެ މަފްހޫމް އޮޅުވާލައިގެން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައި ވަނީ އެކަން އޮޅުންފިލުވައިދިނުމުގެ ގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ބުނެފައި ވަނި، ކޮމަންޑޫ ދާއިރާގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ޕީޕީއެމް ނޫން އެހެން ޕާޓީތަކުގެ މެންބަރުންނަށް ވަޒީފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"ވަޒީފާ ދެއްވުމުގައި އަތޮޅުތެރޭގެ ރަށްރަށުގައި ތިއްބެވި ޕީޕީއެމް ގެ މެންބަރުން ބާކީނުވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެހެން ޕާޓީތަކާއި ޕާޓީތަކުގައި ނޫޅޭ ފަރާތްތަކަށް ވަޒީފާ ނުދެއްވާނެކަމަށް ކަމަށް ވިދާޅުވެފައި ނުވާއިރު، އެ ހުރިހާ ފަރާތްތަކަށްވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެއެވެ. ރައީސް ޔާމީނަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ރާއްޖޭގައި ވަޒީފާތައް އުފައްދަވައި، ވަކި ޕާޓީއެއް ބެއްލެވުމެއް ނެތި ދިވެހި ރައްޔިތުންނަށް ވަޒީފާ ދެއްވުމުގެ ނަމޫނާ ދައްކަވާފައިވާ ލީޑަރެކެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންނަށް ފުދުންތެރިކަން ހޯއްދަވައިދެއްވައި، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް އެދެވޭ ރަނގަޅު ބަދަލުތަކެއްވެސް ގެނެސްދެއްވި ލީޑަރެއް ކަމަށް ބުނެފައިވެއެވެ.

ޒުވާނުންނާއި އަލަށް ކައިވެނި ކުރާ ކުދީންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެއްވައި، ރާއްޖޭގެ އެކި ހިސާބުގެ ބިން ހިއްކައި ބޮޑުކުރެއްވުމުގެ މަސައްކަތައްތައް ކުރިއަށް ގެންދަވައި، ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަންވެސް ކަށަވަރުކޮށްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަޑް ޕީޕީއެމްގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ވަޒީފާ ދެއްވުމުގައިވެސް ދިވެހި ރައްޔިތުން ތަފާތު ނުކުރައްވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޕީޕީއެމުން މިހެން ބުނެފައިވާއިރު ހޮނިހިރު ދުވަހުގެރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމްގެ މެންބަރުން ކަމަށެވެ. އަދި އެހެން ޕާޓީތަކުގެ މީހުނަށް ދެން ފުރުސަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.