ފްރޭންސްގެ ލިޔޯންއަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ގިމަރެސް ގެންދަން ނިއުކާސަލްއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.

އިތުބާރުހުރި ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ނިއުކާސަލްއިން ލިޔޯންއާއެކު ގިމަރެސްއަށް އެއްބަސްވެފައި ވަނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭގެ އިތުރުން ނިއުކާސަލްއިން އަށް މިލިއަން ޔޫރޯ ލިޔޯންއަށް ބޯނަސްގެ ގޮތުގައި ދޭނެއެވެ. ޓްރާންސްފާ ނިންމުމަށް މިހާރު ބްރެޒިލް ގައުމީ ޓީމާއެކު ހުރި ޑިފެންސިވް މިޑްފީލްޑަރު ގިމަރެސް ވަނީ މެޑިކަލް ފުރިހަމަ ކޮށްފައެވެ.

އުމުރުން 24 އަހަރުގެ ގިމަރެސްއަކީ މި ޖެނުއަރީ ޓްރާންސްފާ ސީޒަންގައި ނިއުކާސަލްއަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. ޓްރާންސްފާ ސީޒަންގައި މުއްސަނދި ނިއުކާސަލްއިން ފުރަތަމަ ގެންދިޔަ ކުޅުންތެރިޔަކީ އިންގްލެންޑް ގައުމީ ޓީމުގެ ޑިފެންޑަރު ކެވިން ޓްރިޕިއާ އެވެ. އޭގެ ފަހުން އެޓީމަށް ވަނީ ފޯވަޑް ކްރިސް ވުޑް ބާންލީން ގެންގޮސްފައެވެ. ޓްރިޕިއާ 12 މިލިއަން ޕައުންޑުގެ އަގަކަށް ނިއުކާސަލްއިން ގެންދިޔަ އިރު، ބާންލީން ވުޑް ގެންދިޔައީ 25 މިލިއަން ޕައުންޑަށެވެ.

ގިމަރެސް ގެންދިޔަކަން ނިއުކާސަލްއިން އަދި ޔަގީން ކޮށްދީފައި ނުވި ނަމަވެސް ކޯޗު އެޑީ ހޯވް ބުނެފައިވަނީ ނިއުކާސަލްއަށް އިތުރު ކުޅުންތެރިޔަކު ގެންދަން ތައްޔާރުވެފައިވާ ކަމަށެވެ.

މި ސީޒަންގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޕަބްލިކް ފަންޑުން ނިއުކާސަލް ގަނެފައިވާ އިރު، އެޓީމަކީ މިވަގުތު ކްލަބު ފުޓުބޯޅައިގައި އޮތް އެންމެ މުއްސަނދި ޓީމެވެ. އެޓީމުން ޕްރިމިއާ ލީގުގެ އިންޓަނޭޝަނަލް ބްރޭކުގައި ސައުދީއަށް ގޮސް ހާއްސަ ތަމްރީނު ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާ އިރު، މިހާރު ވަނީ އެނބުރި އިންގްލެންޑަށް ގޮސްފައެވެ.