ހދ. ހަނިމާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބީލަމުގައި އެސްޖޭ ކޮންސްޓްރަކްޝަން ހިމަނައިގެން އަލުން ބިޑް ކުރަން ސިވިލް ކޯޓުން ކުރި ހުކުމް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ހަނިމާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މިމަހުގެ ދެ ވަނަ ދުވަހުއެވެ. ސިވިލް ކޯޓުގެ އެ ހުކުމް ފިނޭންސް މިނިސްޓްރީ ތަމްސީލުކުރާ ގޮތަށް އޭޖީން އިސްތިއުނާފު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހައި ކޯޓުން އަދި އެ މައްސަލަ ބަލައިގެނފައެއްނުވެއެވެ.
ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓު އެޅުމަށް މިދިޔަ ޖުލައި މަހު ސަރުކާރުން ހަވާލުކުރީ ދޮންބެޒް ޕްރައިވެޓު ލިމިޓެޑާއެވެ.
އެ މަޝްރޫއުއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި އެސްޖޭ ޓްރޭޑް ލިމިޓެޑުން ބިޑު ހުށަހެޅިޔަސް، އެ ބިޑް ފުރިހަމަނުވާ ކަމަށް ބުނެ، ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑުތައް އިވެލުއޭޓް ކޮށްފައިނުވެއެވެ. އެހެންވެ ބިޑު އަލުން އިވެލުއޭޓްކޮށް، އެ ބިޑު އެސްޖޭއަށް އެވޯޑުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަމުރުކޮށްދިނުމަށް އެދި އެސްޖޭގެ ފަރާތުން، މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހަނިމާދޫގައި ހައުސިން ޔުނިޓުތައް ނިންމުމަށް ކުރެވުނު ޕްރޮކިއުމަންޓުގެ ޓެންޑާއާ ގުޅިގެން، ހުށަހަޅާފައިވާ ބިޑުތަކަށް ބަލާއިރު، އެންމެ ރަނގަޅު ބިޑަކީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޖޮއިންޓް ވެންޗާކޮށް ހުށަހަޅާފައިވާ ބިޑުކަން އެނގެން އޮތްއިރުވެސް، ޓެންޑާ ބޯޑުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށެވެ.
މީގެ އިތުރުން އެސްޖޭގެ ބިޑުތައް ޓެންޑާ ބޯޑުން އިވެލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ރިވިއު ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އެ ބިޑުތައް ބަލައިގަންނަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް ޓެންޑާ ބޯޑުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ޓެންޑާ ބޯޑުން ބިޑުތައް އިވެލުއޭޓް ކުރީ ރިވިއު ކޮމެޓީގެ ނިންމުމަށް އަމަލު ކުރުމެއް ނެތި ކަމަށެވެ.
ހުކުމުގައި ވަނީ އެސްޖޭ ކުންފުނީގެ ބިޑުތައް ބަލައިގަތުމަށާއި އެ ބިޑުތައް ހިމެނޭހެން 20 ދުވަސް ތެރޭގައި ހުރިހާ ބިޑުތައް އަލުން އިވެލުއޭޓު ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް އެ މަޝްރޫއު ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު