ޚަބަރު

ރައީސަށް ވެރިކަން ކުރެއްވުނީ އަދި އެއް އަހަރު: ގާސިމް

މުހައްމަދު އިޝާން

1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރައްވަން ލިބިވަޑައިގަތީ އަދި އެންމެ އަހަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދު ހޯއްދެވުމުގެ ގޮތުން ގާސިމް މިއަދު ކޮމަންޑުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ހުއްޓި ރައްޔިތުން ތިބީ ގޭގައި ތަޅުލެވިފައި ކަމަށެވެ. އެ ދުވަސްތައް ކެނޑުމުން ރައީސް ސޯލިހަށް ވެރިކަން ކުރަން އަދި ލިބިވަޑައިގަތީ އަހަރެއްހާ ދުވަސް ކަމަށް ގާސިމް ވިދާޅުވިއެވެ.

"މި ހާލަތު (ކޮވިޑްގެ ބަލިމަޑުކަން) ގައި ކިހިނެތްތޯ ދެން ކަންކަން ކުރާނީ. އެހެންވީމަ ވެރިކަން ކުރަން (ރައީސް ސޯލިހަށް) އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތަކީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮވިޑްގެ ދަތި ދުވަސްވަރު ގައިވެސް ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ސަރުކާރު ލަސް ކަމަށް އިދިކޮޅުން ބުންޏަސް އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި އެއީ އިދިކޮޅުގައި ތިބޭ މީހުން އަބަދުވެސް ދައްކާނެ ވާހަކައެއް ކަމަށާއި އެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީ ނޫން ޕާޓީއެއްގެ ކެންޑިޑޭޓަކު ކޮމަންޑޫ ދާއިރާގެ ގޮޑިއަށް ހޮވައިފިނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަމުން ލިބޭނެ ފައިދާއެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރަން އޮތް މައި ޕާޓީއަށް ހިތުޖައްސާލާފައި ތިބޭފުޅުން އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް ހޮވީމަ ކޮބައިތޯއޭ މޮޅެއް، ރަނގަޅެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހު، އެމްޑީޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރައްވަނީ އެ ޕާޓީގެ މެމްބަރުން މަދުވެގެން ނޫން ކަމަށާއި މިހާރު ތިބި މެމްބަރުންނާ އެކުވެސް ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އެ ޕާޓީއަށް އެބައޮތް ކަމަށެވެ. ނަމަވެސް ރައީސް، އެގޮޑި އެމްޑީޕީއަށް ހޯއްދަވައިދިނުމަށް މަސައްކަތް ކުރައްވަނީ ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ބޭރު ގައުމުތަކުގެ އެހީ ރާއްޖެއަށް ލިބޭނެކަން ރައީސަށް އެނގިލައްވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިގޮނޑި ކާމިޔާބުވެގެން ދިއުމަކީ ބޭރުގެ ގައުމުތަކުން އެހީތަކާއި މަދަދު ލިބުމުގައި ވަރަށް ވެސް ކުލަ ގަދަކޮށް ދިވެހި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއާ ދެމެދުގައި އޮންނަންވީ ގާތްކަން އިތުރު ވެގެންދާނެ ކަމެއް،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބޭރު ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވުމުގެ ސަބަބުން ލިބޭ އެހީތަކުގެ މަންފާ ލިބިވަޑައިގަންނަވަނީ ރައީސް ސޯލިހަށް ނޫން ކަމަށާއި އެމަންފާ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި އެމްޑީޕީ ނޫން ޕާޓީއަކަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ދީފިނަމަ ބޭރުގެ ގައުމުތަކުން ދެކޭނީ ރައީސަށް ރައްޔިތުން އިތުބާރުނުކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދޭ އެހީތަކަށް އަސަރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 50 ވަރަކަށް އަހަރު ކޮމަންޑޫ ރައްޔިތުންނަށް ގެއްލިފައިވާ ތަރައްގީތައް އަންނާނީ މަތިމައްޗަށް ބަރުތީލަވެގެން ކަމަށެވެ. އަދި އެކަން ވުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރައީސް ސޯލިހަށް އިތުބާރު ކުރައްވާކަން ބަހާއި އަމަލުން ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.