ދުނިޔެއަށް އާ ކޮރޯނާވައިރަހެއްގެ ނުރައްކާބޮޑުވެފައިިވާކަމުގެ އިންޒާރު ކޮވިޑްގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ސައިިންޓިސްޓުން ދީފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އަލަށް ފެނުނުކަމަށް ރިޕޯޓުކޮށްފައިވާ ''ނިއޯކޮވް'' ވައިރަސް ދެކުނު އެފްރިކާގެ ވާލުގެ ކިބައިން ފެނިފައިވާކަމަށް ވޫހާންގެ ސައިންޓިސްޓުންގެ ޓީމަކުން އެކުލަވައިލި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ''ނިއޯކޮވް'' ވައިރަހަކީ ދުނިޔެއިން 2012ވަނަ އަހަރު ފެނުނު، ނޭވާލާ ނިޒާމަށް ޖެހޭ ''މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް-މާސް'' ޖައްސާ ''މާސް-ކޮވް'' ވައިރަހާ ގުޅުން ހުރި ކޮރޯނާ ވައިރަހެއް ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

މާސް ވައިރަހަކީ އަރަބި ގައުމުތަކުގައި ޖަމަލުން އިންސާނުންގެ ހަށިގަނޑަށް އަރާފައިވާ ވައިރަހެކެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި ސައުދީ އަރަބިއްޔާއިން އެންމެފުރަތަމަ ފެނުނު މާސް، މެދުއިރުމަތީ ގައުމުތަކާއި ދެކުނު އެފްރިކާ އަދި ދެކުނު އޭޝިއާ ހިމެނޭހެން 2012 ވަނަ އަހަރު އަދި 2015 އަހަރުން ފެށިގެން 27 ގައުމަކުން ފެނިފައިވާއިރު ބަލީގައި 858 މީހަކު ވަނީ މަރުވެފައެވެ. އަދި މިވައިރަހުގެ އަސްލަކީވެސް ވާލުގެ ފުށުން ފެނިފައިވާ ވައިރަހަކަށްވާއިރު މިވައިރަހަކީ ވާލުން ޖަމަލަށް ދަތުރުކޮށްފައިވާ ވައިރަހެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ޑަބްލިއުއެޗްއޯ އިން ބުނާގޮތުގައި މާސްވައިރަސް ޖެހުނު މީހުންގެ 35 ޕަސެންޓް މީހުން ބަލީގައި މަރުވެއެވެ.

މާސްއާ ގުޅުން ހުރި ނިއޯކޮވް ވައިރަސް މިއުޓޭޓުވެ އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮތްކަމަށް ވޫހާންގެ ޓީމުން ބުނެފައިވާއިރު އޭގެ ނުރައްކާ އިންސާނީ ދަރިފަސްކޮޅަށް އިންތިހާއަށް ކުރިމަތިވާނެކަމަށާއި ބަލިޖެހޭ ކޮންމެ ތިން މީހަކުން އެކަކު ބަލީގައި މަރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ޓީމުން ބުނެއެވެ.

މިހާތަނަށް އިންސާނުންގެ ހަށިގަނޑަށް މިވައިރަސް އަރާފައިވާކަމުގެ ހެއްކެއް ލިބިފައި ނުވާކަމަށާއި އަދި އެރުމުގެ ފުރުސަތު ކުޑަކަމަށް ބައެއް ހޯދުންތަކުން ވަނީ ދައްކާފައެވެ. ނިއޯކޮވް އާ ގުޅިގެން ވައިރަހުގެ ނުރައްކާ އިންސާނީ ދަރިފަސްކޮޅަށް އޮތް މިންވަރު ދެނެގަތުމަށް ދިރާސާތައް ކުރެވެމުން އަންނަކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.