ކުރިއަށް އޮތް 2023 ވަނަ އަހަދުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމްއަށް ކާމިޔާބު ވެއްޖެނަމަ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމްގެ މެންބަރުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ދެޕާޓީ ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމަށް ޖުމްހޫރީ ޕާޓީއާއި ޕީޕީއެމުން އެއްބަސްވެ، ޕީޕީއެމްގެ ދާއިރާގައި ހިމެނޭ ބައެއް ގޮނޑިތައް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލި ކަމަށެވެ. ނަމަވެސް އެކަމުން ފެނިގެން ދިޔައީ ހިޔާނާއި ހީލަތްތެރިކަން ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ސިޔާސީގޮތުން ބަޔަކާ ކޯލީޝަން ހަދާ ހިސާބަށްގޮސް، ކޯލީޝަން ހެދި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއެއް އެއްވެސް ބަޔަކަށް ދޫނުކޮށްލަން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ އިންތިޔާބު ކާމިޔާބުކޮށް ޕީޕީއެމަށް ވެރިކަމަށް އާދެވިއްޖެނަމަ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ޕާޓީތަކުގެ މީހުނަށް ދެން ފުރުސަތެއް ނޯންނާނެ ކަމަށެވެ.