ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޅަދަރީން ޖެހިލުންވިޔަ ދީގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިޖުތިމާއީ މަސައްކަތުގައި ދަރިން ބައިވެރިކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މި އުއްމަތުގެ ޅަދަރީންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ހަދަން ޖެހޭނެ ކަމަށެވެ.

އެގޮތުން އަމިއްލަޔަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލަޔަށް ކުރުމުގެ އާދަ އެކުދީންގެ ކިބައިގައި ހަރުލައްވަން ޖެހޭނެ ކަމަށާއި ގޭތެރޭގައާއި މުޖުތަމައުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫހު އަށަގަންނުވަން ޖެހޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ބޭނުންތެރި، ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިޔަ ދީގެން ނުވާނެ ކަމަށާއި މަސައްކަތް ކުރުމަކީ ހައްގެއް، ޝަރަފެއް އަދި ވާޖިބެއް ކަމާއި އެއީ ކުރިއެރުމެއްކަން ދަނެ، އެ ޝިއާރު އުފުލަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ތިމާކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ވީ އެންމެ ރަނގަޅަކަށް ކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި ކަމަށާއި އޭރުން އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގެންވާނެ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ތެރެއިން ގިނައިން ފެންނަމުންދަނީ އެއާ ހިލާފަށް، ކުރާ މަސައްކަތުގައި ފަރުވާތެރިކަމެއް ތެދުވެރިކަމެއް ނެތި ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް، އެ މަސައްކަތް ކުރުމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުންތައް ލިބެމުންދާތަން ކަމަށް ބުންޏެވެ.

އެއީ ކީރިތި ރަސޫލާއަށް ތަބާވެގެން ތިބި މުސްލިމު މުޖުތަމައެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް އިންސާނުން ބިނާކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކުން އެކަމުގެ މައްޗަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން އިސްލާމީ ގިއުގަނޑެއްގެ ތެރޭގައި ތަރުބިއްޔަތުދީ، މަސައްކަތްތެރިކަމުގެ ޝައުގުވެރިކަން އެކުދިންގެ ހިތްތަކުގައި އުފައްދައި، އިޖުތިމާއީ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުމުގެ ރޫހު އަށަގެންނެވުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށެވެ.