Close
ތާރީޚު

ރާއްޖޭގެ ލައިލާ މަޖުނޫނު: ދޮންހިޔަލަ އާއި އަލިފުޅުގެ ހަގީގީ ލޯބި، ކުރެވޭ ސުވާލުތަކާއި ވާހަކައިގެ އަސްލު!

މަރިޔަމް ޝަފާ އިބްރާހިމް

12

މާކުރީ ޒަމާނެއްގައި ދިވެހިންގެ ތެރޭގައި، ކޮޅުމަޑުލު ބުރުނީގައި ކިޔަމުން އަންނަ ދިގު ރައިވަރެކެވެ. ތ. ބުރުންޏާއި ދ. ހުޅުދެއްޔާ ބެހޭގޮތުން ކިޔާފައި ހުންނަ ވާހަކަތަކެކެވެ. ބުރުނީގައި ދިރިއުޅުނު ދެމަފިރިއަކަށް ލިބުނު މާ ދޮން އަންހެނަކާއި ހުޅުދެލިން ބުރުންޏަށް ފޭބި ފިރިހެނެއްގެ ލޯބީގެ ވާހަކައެކެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ކުރީގެ ކަންކަމުގެ ލިޔެކިޔުންތަކެއް މާ ސާފުކޮށެއް ނުހުރެއެވެ. ތާރީހު ބޮޑަށް ބިނާވެފައި އޮންނަ މައިގަނޑު އަސްލަކީ ޕިރާޑާއި އިބުނިބަތޫތާއެވެ. އެ ލިޔުންތަކުގައި ބުރުނީ ކަމަނާގެ ވާހަކައެއް ނެތެވެ. އަދި ލޯމާފާނުގައި ވެސް މި ވާހަކައެއް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގެ ތާރީހުގައި ލިޔެވިފައި އޮތް ވާހަކައަކަށް ނުވެއެވެ. މިއަށްވުރެ އިތުރުން ދިވެހިންގެ ތާރީހީ ފަތްފުށްތައް ދިރާސާކުރައްވާ ބޭފުޅުން ކަންތައްތައް ހޯއްދަވަމުން ދިޔައީ، އޭރުގައި އެއްބަޔަކު އަނެއް ބަޔަކަށް މުއާމަލާތް ކުރުމަށާއި އެމީހުން ހިތްއުފާވާ ކަންތައްތަކަށާއި ހިތާމަކުރާ ކަންތައްތައް ގެންނަމުންދިޔަ ރައިވަރާއި ފަރިހީގެ ޒަރީއާއިންނެވެ. ބުރުންޏަކީ ކަންކަމުގައި މުއާމަލާތްކުރުމަށް ފަރިއްސަށްވުރެ ބޮޑަށް ރައިވަރު ބޭނުން ކުރި ރަށެކެވެ. މިގޮތުން "ކަމަނާ ރައިވަރު" ނުވަތަ "ބުރުނީ ކަމަނާ ރައިވަރަކީ" ވަކި އަހަރެއްގެ ވަކި ދުވަހެއް ނޭނގޭ ޒަމާނެއްގައި އުފެދިގެން ދޫދޫމަތިން ކިޔަމުން އައި، ސީދާ ލިޔުމަކުން ފެންނަން ނެތް ރައިވަރެކެވެ.

މި ރައިވަރާ މެދު ޝައުގެއް އުފެދިގެން ދިވެހިބަހުގެ އަދީބު، އަބްދުالله ސޯދިގު (ސޯދުބެ) ލިޔުއްވި ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައަކީ ދިވެހިންގެ ތެރޭގައި ވަރަށްބޮޑަށް މަގުބޫލުވެގެން ދިޔަ ރީތި މޮޅު ވާހަކައެކެވެ. ވާހަކައިގެ މައްޗަށް ބިނާކޮށް ގިނަ ދިވެހި ޑުރާމާތަކާއި ސްޓޭޖު ތަމްސީލުތަކާއި ލަވަތަކާއި ނެށުންތަކަށް ދާންދެން އުފެއްދިފައިވެއެވެ. މިގޮތުން ޒީރޯޑިގްރީގެ "އެންވަގުވި" (އޮޑިހައްޔަރުކޮށް މަބެލީ...) އަކީ ވަރަށް މަޝްހޫރުވެފައިވާ ލަވައެކެވެ.

ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކައިގެ ރައިވަރުގައި ނެތް ވާހަކަތައް ގިނައެވެ. އެއީ މީހުން ޝައުގުވެރިކަމާއެކު ވާހަކަ ކިޔާހިތްވާ ގޮތަކަށް ރައިވަރުގެ ވާހަކައަށް އިތުރު ކުރެވިފައިވާ ހިޔާލީ ވާހަކަތަކެކެވެ. ނަމަވެސް ކުރިއަރަމުން އަންނަ މިފަދަ ޒަމާނެއްގައި ނުހަނު ފަސޭހައިން ކަންތައްތައް ހޯދެން އޮތް ޓެކްނޮލޮޖީގެ ރޮނގުން އެހާމެ ކުރިއަރާފައި އޮތް ރާއްޖޭގައި މިއަދު އިވޭ ކޮންމެ ވާހަކައެއް އެހާ ފަސޭހައިން ގަބޫލެއް ނުކުރެވޭނެއެވެ.

'ދޮންހިޔަލައާއި އަލިފުޅު' ގައި އުޅޭ މަރޮށީ އަލީ، 75 ރުކުން ރާބޭލުމަށް ވިސްނާލުމުން އިހުގައި އޮތް އެ ޒަމާނުގެ ވަގުތު ކިތަންމެ ދިގު ނަމަވެސް ރުކަށް އަރައި ރާ އެރުމުގައި ހޭދަވާނެ މިނެޓާއި ގަޑިއަށް ހިސާބުގެ ލޮލަކުން ބަލައިފިނަމަ، އެއީ ވުން އެކަށީގެންވާ ވަރަށް ވުރެ ވުން ނޭކަށޭނަ ކަމެކެވެ. އަދި މިއީ ރައިވަރުގައި އޮތް ވާހަކައެއްވެސް ނޫނެވެ. ކަތީބުގޭ ހައްވާފުޅާ ބެހޭގޮތުން ރައިވަރުގައި ނެތްގޮތަށް ހައްވާފުޅުގެ އާއިލާގެ އެއްވެސް ހިސާބެއް އެރަށަކު ނެތެވެ. ހުޅުދެލީ އަލިފުޅުގެ އާއިލާގެ ކޮޅަށް ގޮސް އޮބާލާ ހިސާބުން ހުޅުދެލީގައި މީހުން އެބަތިއްބެވެ. މާނައަކީ އަލިފުޅަކީ ހަގީގަތުގައިވެސް އުޅުނު މީހެކެވެ. ކަނޑަށް މާއަޅައިގެން ކިޔަވާ ކަނޑުރަސްގެފާނު ގެނައުމުގެ ވާހަކަ ރައިވަރަކު ނެތެވެ. އަދި ދީނީ ގޮތުންނާއި ބުއްދީގެ ގޮތުން އެއްވެސް ވަރަކަށް އެވާހަކަ ގަބޫލެއް ނުކުރެވެއެވެ. ކަނޑުރަސްގެފާނު ތިލަކޮށް، އެންދެރިގަހެއް ލެއްގުވުމާއި ފަންޑިތަ ހެދުމުގެ ވާހަކައަކީވެސް ސާފުކޮށް ފެންނަ ހިޔާލެކެވެ.

މިހެން ގޮސް ވަރަށް ގިނަ ވާހަކަތައް ރައިވަރުން ބޭރުން ލިޔެވިފައިވެއެވެ. އެހެންނަމަވެސް ރައިވަރުގެ އަސްލަށް ރަށުތެރެއިން ފެންނަން ހުރި ބައެއް ތަންތަނާއި އެއްޗެހިން މި ވާހަކައިގައި ހަގީގަތެއް އޮތްކަން ބުއްދީގެ ހަމަތަކުން ގަބޫލުކުރެވެއެވެ.

ބުރުނީ ކަމަނާއަކީ ހަގީގަތުގައި ކާކުހެއްޔެވެ؟ ކަމަނާ އުޅުނު ވަޅު ގަނޑުވަރަކީ އަސްލުވެސް ހުރި ތަނެއްބާވައެވެ؟

އިހުގައި ރާއްޖޭގައިވެސް އޮތީ އިންޑިއާގައި އޮންނަ ފަދަ ވަރަށް ހަރުކަށި އުސޫލުތަކަކާއި ހަމަތަކެކެވެ. އެކަކު އަނެކަކަށް ހިތާވުމާއި އާއިލާއިން މައިންބަފައިން ދެއްކި މީހަކާ ނޫނީ ކައިވެނި ކުރުމަކީ ކުށްވެރިވާކަމެކެވެ. އޭގެ ހުކުމަކީ ވޭންހުރި މަރެކެވެ. މި ރައިވަރުގައި ކިޔާ ދޮންއައިސައާއި މަލިންމޫސަގެ ދެމަފިރިން ވަލުތެރޭގައި ފިލައިގެން އުޅުނު ސަބަބަކީ ސީދާ މިވެނި ކަމެކޭ ބުނަން ނޭނގުނަސް ކޮންމެވެސް ސަބަބެއް އޮންނާނެކަން ޔަގީނެވެ. މި ދެމީހުން ކޮންމެވެސް ކަމަކާ ހެދި ފިލައިގެން ނުވަތަ ހިތާވެވި ލޯބިވެގެން ކައިވެނި ކުރެވެން އޮތްގޮތަކުން ކޮށްގެން އައިސް އުޅުނީ ކަމަށްވެސް ވެދާނެއެވެ.

މިގޮތުން ރައިވަރުގައި ބުނާގޮތުންނަމަ އެ ދެމަފިރިންނަކީ ބުރުނީގައި މީހުން ދިިރިއުޅުނު ހިސާބާ މާދުރުގައި، ގަސްބޯ ގިނަ ޖަންގައްޔަށް ވާ ހިސާބުގައި އުޅުނު ދެމަފިރިއެކެވެ. މިހާރުވެސް އެ ހިސާބުކަމަށް ލަފާކުރެވޭ ސަރަހައްދުން 'ވަޅު ގަނޑުވަރު'ގެ އަލާމާތް ފެންނަން އެބަހުރި ކަމަށްވެއެވެ.

"ބަލާބެލުމަށް އެހާ ފުނެއް ނޫން. އެކަމަކު ދެމީހަކަށް ރީއްޗަށް ފިލައިގެން އުޅެވޭ ވަރަށް ކޮނެ ހަދާފައިވާ ތަނެއް،" ބުރުނީ ފެނަކަ މެނޭޖަރު އަބްދުލްގާދިރު ވިދާޅުވިއެވެ.

އެއް ބަޔަކު ބުނާ ގޮތުގައި، އެއީ ކޮންމެވެސް އެހެން ރަށަކުން ބޮއްކުރައެއް ކަހަލަ އެއްޗެއްގައި އައިސް ރަށަށް ފޭބި ދެމީހެކެވެ. އެ ދިމާލުން އަތިރިމައްޗަކީ ސީދާ ކަނޑާ ގުޅިފައި އޮންނަ، ފާލަމެއް ނޯންނަ ހިސާބެކެވެ. ބޮއްކުރައެއްގައި އައިސް ސީދާ އަތިރިއަށް ބީއްސާލާފައި ރަށަށް ފޭބެން އޮވެއެވެ. ކޮންމެޔަކަސް މި ދެމަފިރިންގެ ތެރެއިން ފިރިމީހާ ނުވަތަ މަލިމަމޫސައަކީ ވަޑާމުގެ މަސައްކަތްކުރާ މޮޅު މާވަޑިއެއްކަމުން މިފަދަ ތަނެއް ހެދުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. އެހެންނަމަވެސް ބިމު އަޑިން ކޮނެގެން ދިރިއުޅެވޭ ގޮތަށް ތަނެއް ހެދުމަކީ ވަރަށް ބުރަ މަސައްކަތެކެވެ.

އޭރު ރަށުގެ މެދުތެރޭގައި އެންމެން އެކީގައި އުޅޭ ސަރަހައްދު ފިޔަވައި ރަށުގައި ދެން އޮންނަނީ ގަސްބޯ ޖަންގައްޔެކެވެ. އެތަނަށް ދާނީ ދަރު ހޯދަން، ދަރު ކޮށަން އެކަންޏެވެ. އާދައިގެ އެއްވެސް މީހަކު ވަލަކަށް ނުދާނެއެވެ. މި ސަރަހައްދުގައި މި މީހުން އުޅުނު ކަމުގެ އެންމެ ބޮޑު ހެއްކަކީ އެތާނގައި ފެންނަން ހުރި މިސްކިތެވެ. އެ މިސްކިތަކީ މިހާރުވެސް ބުރުނީގައި ފެންނަން ހުރި ތަނެކެވެ. މާބޮޑު ނޫނަސް ވުޟޫ ކުރާނެ ވަޅެއް ބޭރުގައި ހުރި މި މިސްކިތުން ދޭހަކޮށްދެނީ އެއީ މުސްލިމުންތަކެއްކަމެވެ. އެމީހުން އުޅުނުކަމަށް ބުނެވޭ ހިސާބު އޮންނަނީ ބަނބުކެޔޮވަލު ކައިރީގައި ކަމުން ބަނބުކެޔޮގަހު ކުރިއަށް އަރައި ރަށުތެރެއިން ބައެއް އާދޭތޯ ބަލައި ހެދޭނެކަމަށް ލަފާކުރެވެއެވެ. އެގޮތަށް ބަޔަކު އަންނަ ކަމަށް ވާނަަމަ އެމީހުންނަށް ފިލައިގެން އުޅެވިދާނެއެވެ. ކޮންމެޔަކަސް މިގޮތަށް މި ވާހަކަ ބުއްދީގެ ހަމަތަކުން ގަބޫލުކުރެވިދާނެއެވެ.

"މިހާރުވެސް ކަމަނާ މިސްކިތް އެބަހުރި. ބިޑްކޮށް އާކުރެވިފައި އެބަހުރި. މިހާރު ކިޔަނީ މަސްޖިދުލް އިޚްލާސް،"

މި ދެމަފިރިންގެ ތެރެއިން ދޮންފަނު ދޮންއައިސައަކީ ދިވެހީންގެ ގައިގައި ހުންނަ އޮޅަލި ކަޅާ މުޅިން ތަފާތު ވަރަށް ދޮން އަންހެނެކެވެ. މި ދެމަފިރިން މިރަށުގެ ވަލުތެރޭގައި އުޅެމުން އައިސް ދޮންއައިސަ، ދޮންދޮން އަންހެންކުއްޖަކު ވިހެއެވެ. މިކުއްޖާ އެއްވެސް އެހެން މީހަކަށް ދެއްކޭކަށް ނެތެވެ. އެހެނީ މިއީ އުޅޭ ބައެއްކަން ދެނެހުރި އެއްވެސް މީހަކު ރަށަކު ނެތެވެ. ކޮންމެޔަކަސް ކުއްޖާ ދިޔައީ ބޮޑުވަމުންނެވެ.

ހުޅުދެލީ އަލިފުޅާއި ކަނޑުރަސްގެފާނު!

ހުޅުދެލީ އަލިފުޅު މަހަށް ދާން ވެގެން ކަނޑަށް ނުކުތުމުގެ ކުރީން އެންދެރި އޮޑިއެއް ބަންނަން ޖެހިއްޖެ ކަމަށް ވާހަކައިގައި ބުނެފައިވެއެވެ. ބުއްދީގެ ހަމަތަކުން ވިސްނާލަމާތޯއެވެ. ކަނޑުރަސްގެފާނަކީ ކޮން ޒަމާނެއްގައި، ކޮންތާކު އުޅުނު ކާކު ހެއްޔެވެ. ކުދި ބޭކަލުންގެ ހަތް ބޭކަލުން އުޅުނީ ކޮން ކަނޑެއްގައި ހެއްޔެވެ. ކަނޑުރަސްގެފާނު ގެންނަން އެ ކިޔަވާ ކިޔެވެލި ކިޔަވާ އިރު، ރަށުގައި ހަމަ ދިރިހުރި އެއްވެސް އިންސާނެއްގެ ހިލަމެއްވެސް ނެތީބާވައެވެ. އަލިފުޅަކީ އެދުރުދައިތަ ގާތަށް ކިޔަވަން ދިޔަ އާދައިގެ ޒުވާނެކެވެ. ހަމަ ކުއްލިއަކަށް ހަތްގިރާއަތަށް ކިޔަވާ ގުރުއާން ބަސް ދަންނަ މުގުރިއަކަށް ވެއްޖެއެވެ. އެޒަމާނުގައި ކަނޑުރަސްގެފާނު ގެންނަން މިގޮތަށް ކިޔަވަންޏާ މިހާރު ކަނޑަށް އަޅާ ފާލަން މާބޮޑަށްވެސް ކެލައާއި އަތަރާއި މާ އަޅާނެ މޮޅެތި ގޮތްތައް ހުންނާނެއެވެ. އަދި އެހާ ފަރިތަކޮށް ގުރުއާން ކިޔަވަންޏާ ޒާތްޒާތުގެ ރީތި ތަފާތު ފެންވަރުގެ ނަލަ އަޑުތަކުން ކިޔެވޭނެ އެޕްތަކާއި ރެކޯޑިންތަކުގެ އިތުރަށް އަމިއްލަ މީހުންނަށް މާބޮޑަށްވެސް ރަނގަޅަށް އެކަން ކުރެވެން އެބައޮތެވެ. އޭރު އުޅުނުނަމަ މިހާރުވެސް ކަނޑުރަސްގެފާނާއި އޭނާގެ އާއިލާ އުޅޭނެތާއެވެ.

ކަނޑުރަސްގެފާނުގެ ހުއްދަނެތި ކަނޑުން މަސްބާނާ ހިތުހުރި ގޮތަކަށް ކަނޑުމައްޗަކު ނޫޅެވެއެވެ. އަހަރެމެން ދިވެހިންނަކީ މުސްލިމުންނެވެ. ދިވެހިރާއްޖޭގެއި ގްރީކުގެ ގަބޫލުކުރުންތަކެއް އޮންނަ ކަމެއް ނުދެނެހުރީމެވެ. ގްރީކްމީތޮލޮޖީގައި ކަނޑަކީ ވަކި ކަލަކު ބަލަހައްޓާ ތަނެކެވެ. ހަނދުގެ ކަލާނގެ، އިރުކަލާނގެ، މިހެން ގޮސް ނަން ހުސްކޮށް ކަލާނގެތައް ތިބޭއިރު ކަނޑުރަސްގެފާނުގެ މިފަދަ ވާހަކައެއް ހީވަނީ ހަމަ ގްރީކްމިތޮލޮޖީގައި ބުނާ ކަނޑުގެ ކަލާނގެހެނެވެ. އަސްތަޣްފިރުﷲއެވެ. މިއީ ކޮންކަހަލަ ފަތްފުށްތަކެއްތޯއެވެ.

އަނެއް ވާހަކައަކީ އެންދެރިއޮޑި ބަންނަން އެކުރާ މަސައްކަތެވެ. އެ މަސައްކަތްކޮށްގެން އޮޑި ކަނޑަށް ބާލައި ދަތުރަށް ފެށުމުން ރަށުން ފޭބެން އޮތީ ކަތީބުގޭ ހައްވާފުޅު މަރާލައިގެން ކަމުން އެންމެ ފުރަތަމަ ދަތުރަށް ފެށުމުގެ ކުރިން އަލިފުޅު މިޖެހެނީ ގާތިލަކަށް ވާށެވެ.

މިއިން އެއްވެސް ވާހަކައެއް ހަމަޖެހޭ ބުއްދި ގަބޫލުކުރާ ފަދަ ވާހަކައަކަށް ނުވޭނޫންތޯއެވެ.

ހުޅުދެލީ އަލިފުޅު ބުރުންޏަށް އައީ ހުވަފެނެއް ފެނިގެން ހެއްޔެވެ؟

ވާހަކައިގައި އޮންނަ ގޮތުން އަލިފުޅަށް ހުވަފެނަކުން މީނަގެ އަލަތުއަނބިމީހާ ބުރުނީގައި އިން ވާހަކަ އެނގިގެން މަހަށް ދިއުމުގެ ނަމުގައި ދަތުރެއް ފަށްޓައެވެ. ކަނޑުރަސްގެފާނާއި އެންދެރިއޮޑިއަކީ މި ދަތުރަށް ފެށުމުގައި ހިނގި ކަންތައްތަކެވެ. ބުއްދީގެ ހަމަތަކުން އަދި ތާރީހުގެ ހަމަތަކުން ބެލިޔަސް މިއީ ހަމަޖެހޭ ވާހަކަަތަކެއް ނޫނެވެ. ރައިވަރުގައި ކިޔާ ގޮތުންނަމަ އަލިފުޅު ބުރުންޏަށް އައީ ދަތުރުވަރެއްގައެވެ.

ކުރިންވެސް ފާހަގަކުރި ފަދައިން ދޮންހިޔަލަ ވަލުތެރޭގައި ފިލަފިލައިގެން ބޮޑުވެ ފުރާފުރިހަމަވެގެން އައި ޒުވާން ދުވަސްވަރެވެ. މި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ބުރުންޏަށް ހުޅުދެލިން ތިލޭރުކަން ކުރާ ޒުވާނަކު އައިސް އުޅުނެވެ. ކުރިންވެސް ބުނިހެން ރަށުގެ މީހުން ވަލަށް ދަނީ ހާއްސަ ވަކި ދުވަސްތަކެއްގައެވެ. އެވެސް ކަންކުރަން ކެރޭ ބައެކެވެ. އެހެން ދިޔަޔަސް އަވަހަށް ދަރުކޮށައިގެން ވީހާވެސް އަވަހަށް އެނބުރި އަވަށަށް ދެއެވެ. އެކަމަކު އަލިފުޅުވީ ފިސާރި ކެރޭ ބިރުކުޑަ ޒުވާނަކަށެވެ. އެހެންކަމުން ތަންތަން ހޯދައި ބެލުމަށް އަލިފުޅު ވަލަށް ވަދެ އުޅުނެވެ. މިހެން އުޅުނު އުޅުމުގެ ތެރޭގައި ދޮންފަތްމިންޏެއް އަލިފުޅަށް ފެނިއްޖެއެވެ. އަލިފުޅަށް މިއީ ރޫހާނީ ކަމެއް ނޫންކަން ޔަގީނެވެ. އަދި ރަށުގެ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫންކަންވެސް އަލިފުޅުގެ ދުރުވިސްނޭ ސިކުނޑި ދެނެގެންފިއެވެ. ވީމާ އަލިފުޅު ނިންމީ އެކަކަށްވެސް މިވާހަކަ ނާންގައި މި ކަމަނާއާ ބައްދަލުވުމަށް މަގެއް ފަހިކުރުމަށެވެ.

ތިލަފިހިގެއެއް އަޅައިގެން އަލިފުޅު ވަލުތެރޭގައި އުޅެމުން ދޮންހިޔަލައާ ބައްދަލުކުރިއެވެ. އަދި ދެމީހުންގެ ދެމެދުގައި ނިހާއީ އިޝްގުވެރިކަން ހިނގައި ކައިވެންޏާ ހަމައަށް މިކަން ގެންދިއުމަށް ހިޔަލަގެ މަންމައާއި ބައްޕައާ އަލިފުޅު ބައްދަލުކުރިއެވެ. އަދި މި ދެމީހުން ކައިވެނިކުރަން ނިންމި ހިސާބުން ރަށުތެރެއަށް މި ހަބަރު އެނގިއްޖެއެވެ. އަދި މި އެންމެން ރަށު ކަތީބުންނާއި ރަށުގެ ބޮޑުން އަންގައިގެން އެމީހުން އުޅުނު ސަރަހައްދުން ރަށުތެރެއަށް ނުކުންނަން ޖެހިއްޖެއެވެ.

ކޮންމެޔަކަސް އަލިފުޅަކީ ކަމުވޮށިގެންވާ ހުޅުދެލީގައި ނަން އޮތް އިއްޒަތްތެރިއެެއްކަމުން ހިޔަލައާ އިނދެގެން ބުރުނީގައި އުޅުމުގެ މަގު ފަހިކޮށްދީ، ދެމަފިރިންނާއި މި މީހުންގެ އާއިލާ އުޅޭނެ ތަނެއް މި މީހުންނަށް ކަތީބު ދެއްވިއެވެ. ހުސްބިމެއް ކަމުން އެތާނގައި ދަނޑުފަނުން ގެގަނޑެއް އަޅައި ތިލަފިހިގެއެއް ހެދީ ކައިބޮއި އުޅުމަށް އާމްދަނީ ހޯދުމަށް އަތްކަންކުރުމުގެ މަސައްކަތް ކުރުމަށެވެ.

އަރުވާލާފައި ހުރި ޅައިމަގު މީހަކު މައާފު ހޯދުމަށް ރަދުންނަށް ދެއްކީ ދޮންހިޔަލަ!

އޭރު ބުރުންޏަކީ މީހުން ކުށްވެރިވެގެން އަރުވާލާ ރަށެކެވެ. އަރުވާލާ ރަށްރަށަކީ ރަށުން ފިލައިގެން ފަތާފައިވެސް އެއްގަމަކަށް ނޭރޭ ވަރަށް ވަށައިގެން ކައިރި ރަށްރަށް މަދު އެކަހެރިކޮށް ހުންނަ ރަށްތަކެވެ. އެގޮތުން ބުރުންޏަށް އެދުވަސްވަރު އަރުވާލާފައި ހުރި ޅައިމަގު މީހަކަށް ދޮންހިޔަލަ ފެނި ހިޔަލަގެ ރީތިކަމާއި ފަރިކަމާއި އަލިފުޅު އެކަށީގެންނުވާކަން ވިސްނައިގަތެވެ. އޭރު ރާއްޖޭގެ ރަދުންނަކީ ހުރިހާ މޮޅަކާއި ރީއްޗަކާއި ބޮޑުކަމެއްގެ ވެރިމީހާއެވެ. ރައްޔިތުންނަކީ އަޅުންނެވެ. ޅައިމަގުކޮއި ފިލައިގެން މާލެ ރަދުން އަރިހަށް ސީދާ ދިއުމުން އޭގެން ދޭހަވަނީ އެއީ ސިޔާސީ ކުށްވެރިއެއްކަމެވެ. ކޮންމެޔަކަސް ރަދުން އަރިހުގައި ޅައިމަގު ކޮއި ބުންޏެވެ.

"އަޅުގަނޑަށް މައާފުދޭ ވަރުގެ ވާހަކައެއް ހިފައިގެން މިއައީ. ރަދުން ނޫން މީހަކަށް ހައްގު ނުވާ ވަރުގެ ރީތިކަމެއް ކޮޅުމަޑުލު ބުރުނީގައި އެބައިން. އަޅުގަނޑު މިއައީ ލޮލުން ބަލާފަ،"

ރަދުންނަށް ވިސްނައިވަޑައިގެންނެވުނު ގޮތުގައި އެފަދަ ރިވެތި އަންހެނެއްނަމަ ހައްގުވާނީ ރަދުންނަށެވެ. އެ ޒަމާނުގައި ކަންތައް އޮންނަ ގޮތަކީ އެއީއެވެ. ރަދުން ދަތުރު ތައްޔާރު ކުރައްވައިގެން ހައްދާމުންނާއި އައްވާމުންނާއެކު ބުރުންޏަށް ވަޑައިގަތުމަށްދަތުރު ފެއްޓެވިއެވެ.

ހުދުކާޅާއި ދޮންހިޔަލަގެ ގުޅުން!

ވާހަކައިގެ މިހިސާބުން ހުދުކާޅެއް ދައްކާލައިފިއެވެ. މިއީ ނަދުރު ފުދޭ ބޭކަލުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަހަލަ ކާޅެކެވެ. ދޮންހިޔަލައަށް ކާޅު ބަހުރުވަ އެނގެއެވެ. އަލިފުޅަށް މަގުދައްކަނީ މި ކާޅެވެ. ބުއްދީގެ ހަމަތަކުން ވިސްނާލަމާތޯއެވެ. ކަޅަކަސް، ހުދަކަސް ކާޅުގެ ސިކުނޑީގައި ހަތަރު އަހަރުގެ ކުއްޖެއްގެ ބުއްދި ހުންނަކަން އެ ޒަމާނުގައި ނޫނަސް މިފަހުގެ ޒަމާނުގައި ހޯދިފައި އޮތަސް، ކާޅުގެ ބަހުރުވަ އެނގޭ މީހަކު އެ ޒަމާނުގައި އުޅުމަކީ ގަބޫލުކުރަން ފަސޭހަ ވާހަކައެއް ނޫނެވެ.

ރަދުން އަންނަ ކަމުގެ ހަބަރު ލިބުމުން އެދެމަފިރިން އެކަކު އަނެކަކަށް ވައުދުވެ އަހުދު ކަށަވަރު ހިފީ ކޮންމެ ގޮތަކަށް ހާލަތު މަޖުބޫރު ކުރިޔަސް ދެމީހުން ވަކިނުވުމަށެވެ. އެއްވެސް ގޮތެއް ނެތި މަޖުބޫރުވެގެން ގޮސް ވަކިވާ ފަދަ ކަމެއް ދިމާވެއްޖެ ނަމަ ހަދަން ޖެހޭ ގޮތުގެ މަޝްވަރާ މާކުރިން ކޮށް ނިންމައިގެން ތިބި ބައެއްކަމުން ރަދުން އަންނަ ވަގުތަށް ބިރެއް ނެތި އިންތިޒާރު ކުރީ ޖެހިލުމެއްނެތިއެވެ.

ކަމަނަ އާއި އަލިފުޅުގެ މަރު!

ރަދުން އައިސް ހަބަރު ބަލައިލިއިރު އަސްތާ ކަމަކުދާކަށް ނެތެވެ. މިއީ މީހެއްގެ ރޯހަލާލެއް ހޯދަން ކުރި ދަތުރެކެވެ. އެހެންވީމަ ކިހާ ގޯސްކަމެއް ހެއްޔެވެ. ރަދުން ބޭނުންވީ ޅައިމަގު ކޮއި ދެއްކި ވާހަކައިގެ ހަގީގަތް ބަލާފައި ދޮގެއް ކަމަށްވަންޏާ އެކޮޔަށް އަދަބު ބޮޑުކުރާށެވެ. ހޯދައި ބަލައިލިއިރު މިއީ ވާ ފިސާރި ރީތި ދޮން ފަތްމިންޏެކެވެ. އަވަހަށް ކަމަނައަށް ކައިވެނި ބިލެތް ފޮނުވިއެވެ. މީހެއްގެ ހަލާލު އަނތްބަކަށް ކައިވެނި ބިލެތް ފޮނުވީ ކޮން ކާފަރެއްހޭ ކިޔައި ކަމަނަ އަޑުގެ ކޮޅަށް ގޮވިއެވެ. ރަށުގެ ބޮޑުން މި ކައިވެނި ނުކުރެވޭނެ ކަމަށް އެންގިއެވެ. މީހެއްގެ ހަލާލު އަނތްބަކު ވަރިނުކުރަނީސް އަނބިކޮށް ނުދެވޭނެ ކަމަށް ރަދުންނަށް ދެންނެވުނެވެ. އަލިފުޅަށް ކަމަނަ ވަރިކުރުމަށް އަމުރު ނެރެވުނެވެ. ކޮންމެ ހާލެއްގައިވެސް އެކީގައި ވުމަށް ވެފަައިވާ ދެލޯބިވެރިން ދެމަފިރިން ތިބީ ވައުދުމަތީގައެވެ.

އަލިފުޅު ހަވަރަށް ދެވުނެވެ. އަތްފަޔާ އެކީ މީހާ ބަނދެގެންގޮސް އޮޑިއަށް ލެވުނެވެ. ހިޔަލަ ބަލައި ރަދުންގެ ހައްދާމުން ގޮސް ހިޔަލަ ގެނެސް ރަށުގެ މުދިމާއި ގާޒީއާއި ކަތީބު ކުރިމަތީ ރަދުންގެ ހަލާލަކަށް ހެދުމަށް ބޭންދުނެވެ. ރަދުންގެ އަމުރަށް ބޯލެނބުން މަޖުބޫރެވެ. "މީހެއްގެ ރޯހަލާލެއް، ނުކިޔާ ރަނަކަށް ނުދޭ ވަލީއަކަށް، އަނބިކޮށްދީފިން.." ހަރާމް ކައިވެންޏަކަސް ކައިވެނިކޮށްގެން ރަސްމުތަކާ އެއްގޮތަށް ކަމަނަ ގެންގޮސް ރަދުންގެ ހާއްސަ އޮޑިކޮޅަށް ލައިފިއެވެ. އޭރު އަލިފުޅު އަތްފައި މޮހާލައިގެން އޮޑިން ފުންމާލައިގެން ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އަލިފުޅު ވިހަމަނާފުށީ ބަނދަރަށް ކައިރިކުރި އޮޑީގައި ހައްޔަރުުކޮށްފައި ބެހެއްޓުމަށްފަހު މިއޮއްގެން ރަދުންގެ ހަތްރިޔާކޮޅު ނެގި އޮޑިފަހަރުގައި ކަމަނަ ގޮވައިގެން މާލެ ދިއުމަށް ދަތުރު ފަށަނީއެވެ. އަލިފުޅަކީ އޮޑިދޯނި ދުއްވަން އެނގޭ މީހެއްކަން ކުރީގެ ބައިތަކުން ހުޅުދެއްޔަށް ގޮސް އައިސްވާ ވާހަކަތަކުން އެނގެން އޮވެއެވެ. ބޮއްކުރައެއްގެެ ވާމޮހާލައިގެން ކަނޑިންމައިން ބޭރުވެފައި އޮތް އޮޑިއާ ކައިރިއަށް ބޮއްކުރާ ގާތްކޮށްލުމަށްފަހު ފުންމައިގެން ކޮޅުފަސްކޮޅާ ދިމާލުން އަލިފުޅު އޮޑިއަށް އަރައެވެ.

އޭރު އަނެއްކޮޅުން މި އޮޑިން ކަމަނަ އަނެއް އޮޑިއަށް ލުމަށް ރަދުން ރަސްމީ އިއްޒަތުގައި އާދެއެވެ. އަލިފުޅަށް ކަމަނައާ ހަމައަށް އާދެވުމުގެ ކުރީން ރަދުންގެ އަތްމައްޗަށް ކަމަނަ ގޮސްދާނެއެވެ. އެކަކު އަނެކަކަށް ވީ ވައުދަށް ކަމޭހިތުމުގައި ކަމަނަ ކާމިޔާބު ހޯދީއެވެ. އެދިމާލުން މައްޗަށް ތިލަވި މާވަރެއްގެ މައްޗަށް ފުންމާލުމާއެކު ކަމަނަގެ ހަށިގަނޑު މެދުން ދެބުރިވެގެން ހިނގައްޖެއެވެ. ދުވެފައި އައިސް ކޮޅުފަސްކޮޅަށް އެރުނު އަލިފުޅަށް ފެނުނީ ދެފަރާތަށް ބެހިގެންދާ ދެބުރިއެކެވެެ. އަލިފުޅުވެސް ފުންމާލަނީ އެމާވަރު މައްޗަށެވެ. ބުނެވޭ ގޮތުގައި ކަމަނަގެ ބޯބުރިއާއެކު އޮޔާ ދިޔައީ އަލިފުޅުގެ ފައިބުރިއެވެ.

ކަމަނަގެ މަހާނަ، ކަނޑޫދޫގައި!

ދޮންހިޔަލައާއި އަލިފުޅު ވާހަކަ އަދި ބުރުނީ ކަމަނާ ރައިވަރު އޮތީ ނިމިފައެވެ. މީގެ 15 އަހަރު ކުރިން ފެންނަން ހުރި 'ހިޔަލަގެ ބޯބުރިގެ މަހާނަ'، ހުންނަނީ ތ. ކަނޑޫދޫގެ އުތުރުގައެވެ. ކަމަނަގެ ހަށިގަނޑުން ހިމުން މަތީގެ ބައި، ރުކަށް އަރައި އޮތް ރާވެރިބެއަކަށް ފެނިގެން އޭނާއަށް ކޮންމެވެސް ކަރާމާތްތަކެއްވެސް ފެނި އަވަހަށް މައްޔިތާގެ ހަށިގަނޑު ވަޅުލީ ކަމަށް އެރަށު މީހުން ބުނެފައިވެއެވެ. މި ގަބުރު ކޮނެގެން އެއީ ކިހާވަރެއްގެ ތެދެއްތޯ ހޯދިފައެއް ނެތެވެ. މިހާރުވެސް މި ގަބުރު ހުރިތަނުގެ ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ފެންނަން އެބަހުއްޓެވެ.

ބުއްދީގެ ހަމަތަކުން ރައިވަރު...

ދޮންހިޔަލާއި އަލިފުޅުގެ ވާހަކައިގައި އިތުރު ކުރެވިފައިވާ ގިނަ ހިޔާލީ ބައިތަކެއް އިތުރުކޮށްފައި ވަނީ ވާހަކައަށް ތަރުހީބު ހޯދައި ކާމިޔާބު ހޯދަން ކަމަށްވެއެވެ. އަޅުގަނޑުގެ ނަޒަރުގައި މީހުން ކިޔާ ހިތްވާގޮތަކަށް ހަގީގީ ރައިވަރުގައިވާ ގޮތަށްވެސް ލިޔެވިދާނެއެވެ. ކޮންމެޔަކަސް ދިވެހިންގެ ތެރޭގައި ދިވެހި 'ރޯމިޔޯ'، 'މަޖުނޫނު'، 'ފަރުހާދު' އަކީ އަލިފުޅު ކަމަށްވެފައި 'ޖޫލިއަޓް'، 'ލައިލާ'، 'ޝީރީނު' އަކީ ބުރުނީކަމަނަ ކަމަށް ވާއިރު މިވާހަކަ ލޯބީގެ ނަމޫނާ ވާހަކައެއް ގޮތަށް ދިރުވައި އާލާ ކުރެވެން ނެތެއް ކަމަކު ކޮންމެވެސް ގޮތަކުން ބަޔަކު މި ފޯކްލޯ އާލާކުރަން ޖެހެއެވެ. ދިވެހި ތާރީހުގައި ހިނގާފައިވޭތޯ ބެލުމަށް ހޯދުންތަކެއް ހޯދައި ދިރާސާތަކެއްވެސް ކުރެވިދާނެއެވެ. މައްސަލައަކީ މިފަދަ ކަންތަކަށް ހޭދަކުރާނެ ތަނަވަސްކަމަކާއި ވަގުތަކާއެކު ސަރުކާރުގެ ހުއްދައަކާ އެއްބާރުލުމެއްވެސް ނެތުމެވެ.

ނެތެމުންދާ މިފަދަ ވާހަކަތަކަކީ އާލާކުރުމަށް އަމިއްލަ އިސްނެގުމަކާއެކު ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ގައުމަށްޓަކައި ކޮންމެވެސް ކަމެއް ކުރުމުގެ ނިޔަތުގައި ހޯދައި ބަލައިގެން މުނިފޫހިފިލުވުމުގެ ރޮގުން ވިޔަސް އަދި އެހެންވެސް ރޮނގަކުން ވިޔަސް މުޅިން ގެއްލިގެން ނެތިގެން ނުދަނީސް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ އަމާނާތެކެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. ދިވެހި ފޯކްލޯ އަކީ ދިވެހި ހުރިހާ ދަރިންނަށްވެސް އެނގެން ޖެހޭ ހައްގެކެވެ.

މައުލޫމާތު: މޫސާ އަބްދުލް ގާދިރު، ބުރުނީގެ ބައެއް އިސްރަށްވެހިން އަދި "ހުޅުވެލި މީޑިއާ"ގެ ދިރާސާ ޑޮކިއުމެންޓަރީ