މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަންގެ ކޯޗުކަމުގެ މަގާމުގައި ހުރި މުހައްމަދު ޝީޔާޒް (މޯހަން) އެ މަގާމުން ވަކި ކޮށްފިއެވެ.
މާޒިޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކްލަބުގެ ބޯޑުން ގިނަ ކަންތައްތަކަކަށް ވިސްނުމަށްފަހު މޯހަންއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށެވެ.
"މިއީ ކްލަބަށް ވަރަށް އުނދަގޫ ނިންމުމެއް. ބޯޑަށް ނިންމަން އުނދަގޫވި ނިންމުމެއް. އެހެން ނަމަވެސް ކްލަބަށް އެންމެ ފައިދާވާނެ ގޮތަކީ މިހާރު ބަދަލެއް ގެނައުން ކަމަށް ބޯޑަށް ފެންނާތީ މި ނިންމުން ނިންމީ،" މާޒިޔާގެ ބަޔާނުގައިވެއެވެ.
މާޒިޔާއިން ބުނެފައި ވަނީ މިދިޔަ މުއްދަތުގައި ކޯޗު މޯހަން މާޒިޔާއަށް ކޮށްދީފައިވާ ހިދުމަތްތައް ބަލައިގަންނާނެ ކަމަށާއި، މިވަގުތު އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކްލަބުން ކުރަމުން އަންނަ ކަމަށެވެ.
މާޒިޔާގެ ކޯޗުކަމާ މިފަހަރު ކޯޗު މޯހަން ހަވާލުވީ މި ސީޒަނަށެވެ. ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗު ބޮޑުތަނުން ކާމިޔާބުކޮށް ފޯމުގައި މާޒިޔާއިން ސީޒަން ފެށި ނަމަވެސް ޕްރެސިޑެންޓްސް ކަޕްގެ ފަހު ކޮޅުގައި މާޒިޔާ ފެނުނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. މުބާރާތުގެ ފައިނަލް މެޗުގައި ވެލެންސިއާ އަތުން ބަލިވެ ތަށި ގެއްލުނު އިރު، ލީގު ބުރުގައި ވެލެންސިއާގެ އިތުރުން ގްރީން ސްޓްރީޓްސް އަތުންވެސް މާޒިޔާ ވަނީ ބަލިވެފައެވެ.
އޭއެފްސީ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މޯހަން ވަނީ މިދިޔަ އަހަރު، ސުޕަ ޔުނައިޓެޑް (ސަސް) އާއި ކްލަބު އީގަލްސްގައިވެސް މަސައްކަތް ކޮށްފައެވެ. މިދިޔަ ސީޒަންގައި ފުރަތަމަ އީގަލްސްއިން ލީގު ފެށި ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި މޯހަން ވަނީ ސަސްއާ ހަވާލުވެފައެވެ. ސަސްއިން މޯހަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. ކުރިން ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދިން މޯހަން ވަނީ ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ރޯލެއްވެސް އަދާކޮށްފައެވެ.
މާޒިޔާއިން މިދިޔަ ސީޒަން މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކު ފަށައިގެން ވަކި ހިސާބަކަށް ދިޔަ ނަމަވެސް ނިޒާމްބެއާއެކު އެއްބަސްވުން އުވާލައި، ދެން ގެނައީ ބިދޭސީ ކޯޗެކެވެ.