އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލޭ ނުލިބިގެން ހާލު ދެރަވެފައި ބީރައްޓެހި ބަލިމީހަކު އޮތަސް އެމީހަކަށް އެ ނަންބަރު ލިބުމާއެކު ޔަގީންކަމުގެ އުންމީދު އާވެދެއެވެ. ކޮންމެ ގުރޫޕެއްގެ ލެޔަކަސް ހޯދައިދޭނެކަމުގެ އުފާވެރި ހަބަރު, އެ ނަންބަރުން ލިބެއެވެ. "އޭ ޕޮޒިޓިވް" ލޭ ނަމަ ކްރޮސްމެޗް ހަދައި ތައްޔާރުވުމުން، އަމިއްލައަށް ލޭ ދިނުމަށް އަންނާނެ ކަމަށްވެސް އެ ނަންބަރުން ބުނެދެއެވެ.
މިއީ އައްޑޫ ސިޓީގެ އެންމެންނަށްހެން އެނގޭ ބޭސްފަރުވާގެ ކަމެއްގައި ދެކުނުން އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގޮސް، ލޭ ބޭނުންވެއްޖެނަމަ އެހީއަކަށް އެދި އެންމެ ފުރަތަމަ ގޮވައިލެވޭ އިބްރާހީމް ސޮބްރީގެ ވާހަކައެވެ. 2007 ވަނަ އަހަރު އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ލިޔުން ސޮބްރީއަށް ވަނީ ލިބިފައެވެ.
ދާދި އިހަކަށް ދުވަހު 87 ވަނަ ފަހަރަށް ލޭ ދިނުމުގެ އުފަލާ ހިތްހަމަޖެހުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އައްޑޫ ސިޓީގެ ހިތަދޫ، ބިންބިމާގޭ، އަލްމަރުހޫމު އަހުމަދު އިބްރާހީމާއި އައިޝަތުދިޔެގެ ދަރިފުޅު، 47 އަހަރުގެ އިބްރާހީމް ސޮބްރީ ބުނާގޮތުން މިއީ އެއްވެސް ހާލެއްގައި ވިޔަފާރިއަކަށް ނުވަތަ އެއްޗެއް ލިބުމަކަށް ކުރާ މަސައްކަތެއް ނޫނެވެ. އިންސާނިއްޔަތަށްޓަކައި ﷲގެ މަގުގައި ކުރާ ހޭދައެއްގެ ގޮތުގައި މީހުންނަށް ލޭ ދިނުމާއި ލޭ ހޯދައިދިނުމުގެ މި މަސައްކަތް، ސޮބްރީ ކުރާތާ ދިގު 30 އަހަރުވެއްޖެއެވެ. މިވީ ދުވަސްތަކުގެ ތެރޭގައި 2088 އަށްވުރެ ގިނަ ފަހަރު ތަފާތު އެކި މީހުންނަށް އެކި ކަންކަމުގައި ސޮބްރީ ވަނީ ލޭ ހޯދައިދީފައެވެ.
1992 ގައި އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ތެލެސީމިއާ ކުއްޖަކަށް ލޭ ނުލިބިގެން ބަޔަކު ކުރި މަސައްކަތެއްގެ ތެރެއިން ލޭ ދިނުމުގެ ތެރެއަށް ވަދެވުނު ސޮބްރީއާ މިހާރު އެތައް ބައެއްގެ އުންމީދު ވަނީ ގުޅިފައެވެ. އެރޭ އެންމެ ފުރަތަމަ ލޭ ދޭން ޖެހުމުން އުޅެވުނު ގޮތް 'ވަން'އަށް ކިޔައިދެމުން ސޮބްރީ ބުނެފައިވާ ގޮތުގައި އޭރު ލޭދިނުމަށް ވަރަށްވެސް ޖެހިލުންވެ ބިރުގަނެއެވެ. އެރޭ އެކަމުގެ ތެރޭގައި އުޅުނަސް ކަންދިމާވި ގޮތަކުން ލޭ ދޭން ނުޖެހުނު ނަމަވެސް ސޮބްރީ ގަބޫލުކުރާ ގޮތުގައި އެއީ މިކަމަށް އެޅުނު ފާލަމެކެވެ.
"އޭރު އިންޖެކްޝަން ސިރިންޖު ކަށި ފެނުނީމަ ވަރަށް ބިރުގަނެ ޖެހިލުންވޭ. އެކަމަކު މިހާރު މިއީ އެއްވެސް ކަމެއް ނޫން،"
އޭގެ ފަހުން ހުވަދު އަތޮޅުން، ކަނޑުމަގުން، ހޮސްޕިޓަލަށް ގެނެސްފައި އޮތް ހާލުދެރަ އަންހެނަކަށް ލޭ ނުލިބިގެން އުޅުނު އޭނާގެ ފިރިމީހާއާއި އޭރު ރަށު ހޮސްޕިޓަލުގައި ހުންނެވި ޑޮކްޓަރު، އަބްދުﷲ ސައީދު ކުރެއްވި އާދޭހުގެ ސަބަބުން ލޭ ދިނުމަށް އެއްބަސްވީ އިރު، އުމުރުގެ ބާކީ އޮތް ބައިގައި މިކަން ކުރާނޭ ކަމަކަށް ސޮބްރީ ހިއެއް ނުކުރެއެވެ. އަމުދުން ސިރިންޖު ކަށި ދެކެ އޭރު ނުހަނު ބިރުގަންނާތީ މިކަމަކީ ދިރިއުޅުމުގެ ބަޔަކަށް ވެދާނެކަމުގެ އެއްވެސް ހިޔާލެއް ސޮބްރީގެ ނެތެވެ.
"ދުވަހަކުވެސް ނުދޭތީވެ ވަރަށް ބިރުގަނޭ. ކަށި ފެނުނަސް ބިރުގަނޭ. ކްރޮސްމެޗް ދިމާވުމުންވެސް ނުކެރޭނެއޭ ބުނެވުނީ. އެކަަމަކު އެ ދެމައިންގެ ފުރާނަ ސަލާމަތްކުރެވެން އޮތީ ލޭ ދިނުމުންކަން އެނގުމުން ހިތަށް އެރީ ﷲ އަށްޓަކައި މިކަން ކުރާނީއޭ. އަނެއްކާ އެގޭ މީހުންވެސް ވަރަށް ހިތްވަރުދީ އެއްބާރުލުން ދީގެން ލޭ ދިނީ. ލޭ ދިނުމުން އެއްވެސް މައްސަލައެއް ދިމާނުވުމުން ދެން ބިރުކެނޑި، ޖެހިލުންވުން ކެނޑުނީ،"
އޭގެ ދުވަސްކޮޅެއް ފަހުން އައްޑޫސިޓީގެ މަރަދޫ، ހަމްދޫން ނާސިރު ކިޔާ ތެލެސީމިއާ ކުއްޖަކަށް ލޭ ނުލިބިގެން އުޅެނިކޮށް "އޭ ޕޮޒިޓިވް" ލޭގެ ކްރޮސްމެޗް ދިމާވެ، އެ ކުއްޖާއަށް ލޭ ދިނުމުގެ ތެރެއިން މުޅިން ބިރު ކެނޑުމާއެކު ބުނެދޭން ނޭނގޭ ފަދަ އާދަޔާ ހިލާފު އުފާވެރިކަމެއް އިހުސާސް ކުރެވުމާއެކު މިއީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށް ބޮޑު ހިދުމަތެކޭ ހިތަށްއެރި ކަމަށް ސޮބްރީ ބުންޏެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ހަމްދޫން ނާސިރަށް ލޭދިނުމުގައާއި ހޯދައިދިނުމުގައި ސޮބްރީ އަމިއްލަ ކަމެއް ފަދައިން އުޅެދެއެވެ. އެ އާއިލާއަކީވެސް ސޮބްރީއަށް ހަމަ އަމިއްލަ އާއިލާ ފަދައެވެ.
ތެލެސީމިއާ ކުއްޖެއްގެ ދިރިއުޅުން ބިނާވެފައި އޮންނަނީ ކޮންމެ ފަހަރަކު އަޅަންޖެހޭ ލޭގެ މައްޗަށެވެ. އެ ލޭ ނުލިބިއްޖެނަމަ ދުނިޔޭގެ ދިރިއުޅުމުން މަހުރޫމުވާން ޖެހިދާނެއެވެ. މިފަދަ ހިތްދަތި ހަޔާތުގެ ބޮޑު އެހީތެރިއަކީ ލޭ ހަދިޔާކުރާ މީހުންކަމަށްވާ އިރު، އެމީހުންގެ ތެރެއިން ހާއްސަ އެކަކު މިކަމަށް ހުންނަ ކަމުގެ ޔަގީންކަމަކީ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެކެވެ.
"ދާދި ފަހުން، 9 އޮގަސްޓްގައި އެންމެ ފަހުން ހަމްދޫން ނާސިރަށް ލޭ ދިނީ. އޭގެ ފަހުން އެހެން މީހަކަށް އިހަށް ރޭ ލޭ މިދިނީ. މިއީ 87 ވަނަ ފަހަރު،"
އަބަދުވެސް އެއްބަޔަކު މިކަމުގެ ތެރޭގައި އުޅޭތީ ސޮބްރީ ވަރަށް ކަންބޮޑުވެ، ދެރަވެއެވެ. ސަރުކާރުން މީގެ ކުރިން މިކަމާ ބެހޭ ހޭލުންތެރިކަމުގެ ބައެއް ހަރަކާތްތައް ހިންގި ނަމަވެސް މިހާރު އޭގެ އެއްވެސް ހަރަކާތެއް ނެތްކަންވެސް ސޮބްރީ ފާހަގަކުރެއެވެ. މީހުންނަށް މިކަމާ ބެހޭގޮތުން އޮޅުންފިލުވައިދިނުމަށް އަމިއްލައަށް ފޭސްބުކްގައި ލޭ ހަދިޔާކުރާ ފޮޓޯތަކާއި އެކަމާ ބެހޭ ވާހަކަތައްވެސް ފަހަކަށް އައިސް ސޮބްރީ ހިއްސާކުރެއެވެ. އެހެންނަމަވެސް އަބަދުވެސް އުޅޭ އެއް ނަންބަރުތަކެއް ނޫނީ މިކަމަށް ޝައުގުވެރިވާ ތަނެއް އަދި ނުފެންނަ ކަމަށްވެސް ސޮބްރީ ބުންޏެވެ.
"ސޮބްރީބޭބެގެ އެހީތެރިކަމާއެކު މިހާ ހިސާބަށް މި އާދެވުނީ. ކުރީގައި ލޭ ހޯދަން ވަރަށް އުނދަގޫ ވާނެ. އެކަމަކު ސޮބްރީބޭބެއާ ބައްދަލުވި ފަހުން ލޭ ހޯދުމާ މެދު އެއްވެސް ފިކުރެއް ކުރާކަށް ފެމިލީން ނުޖެހޭ. އެންމެ ކުޑައިރުއްސުރެވެސް އެއްވެސް އުޒުރެއް ނުދައްކާ. ވަރަށް ސަޕޯޓިވްކޮށް ލޭ ދޭ. ހަމަސް ނުވަނީސް ލޭ ބޭނުންވެއްޖެއްޔާ އެހެން މީހެއް ހޯދައިދޭނެ. ކުރީގައި މީހުން އެހާ ހޭލުންތެރި ނޫންވީމަ ލޭ ހޯދަން ވަރަށް ދަތި،"
ސޮބްރީގެ ލޭ ދިނުމުގެ ތާރީހުގައި ރަން އަކުރުން ފަވާލެވިފައިވާ މިކަމަށް ހިތްޖެހި އިންސާނިއްޔަތަށް ހިދުމަތެއް ކޮށްދެވޭކަމުގެ ހިތްހަމަޖެހުން ފުރަތަމަ ފަހަރަށް ލިބުނު އަދި މިހާރުވެސް ގަވާއިދުން ސޮބްރީ ލޭ ހަދިޔާކޮށް ލޭ ހޯދައިދޭ 28 އަހަރުގެ ހަމްދޫން ނާސިރު 'ވަން' އަށް ކިޔައިދިނެވެ. އުމުރުން އެންމެ ނުވަ މަހުން ފެށިގެން ސޮބްރީގެ އެހީތެރިކަމާއެކު ލޭ ލިބެމުން އަންނަ ހަމްދޫނަކީ މިހާރު ޒިންމާދާރު ފިިރިއެއްވެސް މެއެވެ.
"ސޮބްރީއާ ބެހޭގޮތުން ބުނެލަން އޮތީ ބައްދަލުވީއްސުރެ ދެގޮތެއް ނުވާ ބަދަލެއް ނާންނަ އިހުލާސްތެރި އިންސާނެއް. އެއީ މި ދުނިޔެއިން ބައްދަލުވި ދެވަނައެއް ނުވާ ތަފާތު، ރަނގަޅު ހެޔޮލަފާ އިންސާނެއް. މަގޭ އެއްބަނޑު އެއްބަފާ ނުއުފަންނަ އަހެއް. ސޮބްރީއާ ބައްދަލުވީއްސުރެ މިވަގުތާ ހަމައަށްވެސް ދުވަހަކުވެސް ދެގޮތެއް ނުވާ ތެދުވެރި އަމާނާތްތެރިއެއް. ކާމިޔާބުގެ މި އައްސޭރިއަށް އާދެވުނީ ސޮބްރީގެ ހިތްވަރާއި މިންނަތާ ހިންމަތުން. ކަލާނގެ އާހިރަތުންވެސް ސޮބްރީއާއެކުގައި ލައްވާށި،"
ހަމްދޫން ނާސިރުގެ މަންމަ، ގަމަރުއްނިސާ ހުސެއިން، ސޮބްރީއާ ބެހޭގޮތުން 'ވަން' އާ ވާހަކަދެއްކި އިރު، އަޑުގައި ހުރީ އުފަލުގެ ކަރުނަވީ އަސަރެކެވެ. ތެލެސީމިއާ ދަރިފުޅެއްގެ މަންމައަކަށް ވުމަކީ ވަރަށްބޮޑު ހިތްވަރެއް ބޭނުންވާ ކަމަކަށްވާ އިރު، މި އުނދަގޫ ދިރިއުޅުން ފަސޭހަކޮށްދީފައި މިވަނީ ސޮބްރީގެ ހިންމަތާއި މިންނެތް މަސައްކަތެވެ.
ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި މި މަސައްކަތަށް އެހެން މީހުންވެސް އަހުލުވެރި ކުރެވޭތޯ ސޮބްރީ ވަރަށް މަސައްކަތްކުރިއެވެ.
މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލު ކުރިމަތީގައި ކުއްޔަށް ނަގާފައި އޮންނަ ބިމެއްގައި ކުޑަކުޑަ އަމިއްލަ ވިޔަފާރިއެއް ހިންގުމަށް، 'ހެލްޕް ސައިޑް'ގެ ނަމުގައި ކުޑަ ފިހާރައަކާއި 'ހޮޓް ބޮކްސް'ގެ ނަމުގައި ކެފޭއެއް ހުޅުވައިގެން މަސައްކަތް ކުރަމުން އަންނަ ސޮބްރީއަކީ އިންސާނިއްޔަތަށްޓަކައި އަމިއްލަ ދާ އޮހޮރުވާ ދަރުމަވެރިއެކެވެ. ސޮބްރީ އުންމީދުކުރަނީ މި ދާއިރާގައި އެހެނިހެން ދަރުމަވެރިން ހަރަކާތްތެރިވެ، ލޭހަދިޔާ ކުރުމާއި ލޭދިނުމުގައި ގިނަ ބަޔަކު އުޅުމެވެ.
"ވަން" އިން އެދެނީ ސޮބްރީއަށް ރަނގަޅު ދުޅަހެޔޮ ސިއްހަތަކާއި ފާގަތި އުފާވެރި މުސްތަގުބަލެއް މިންވަރު ކުރެއްވުމެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް