ފަތުރުވެރިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިގުތިސޯދަށް އަންނާނެ ކުރިއެރުންތަކާއެކު ރާއްޖޭގެ ޖަލުތައް ހުސްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް މިރޭ ވިދާޅުވީ އާ އަހަރާއެކު ތައާރަފުކުރި "ހޯމްސްޓޭ" ފަތުރުވެރިކަމާއެކު ރަށްރަށުގެ އާންމު ރައްޔިތުންނާ ހަމައަށް ފަތުރުވެރިކަން މިހާރު ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރައިގެން ދިޔަ ގޮތަށް ހޯމްސްޓޭވެސް ކުރިއަރަން ދުވަސް ނަގާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ގައުމަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖެއަށް އަންނަ އިގުތިސޯދީ ކުރިއެރުމުގެ ތެރެއިން ޖަލުތައް އިރާދަކުރެއްވިއްޔާ ހަމަ ހުސްވާނެ. ދިވެހިންނަކީ އުފެއްދުންތެރި ބަޔަކަށްވެ، ކުށަށް އަރައިނުގަނެ، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތްތައް ކުރެވި އިރާދަކުރެއްވިއްޔާ ޖަލުތައް ހުސްވާނެ. ހުރިހާ ދިވެހިން ޖަލުން ނުކުމެ މުޖުތަމައު ބިނާކުރުމުގެ މަސައްކަތް ކުރަން ފަށާނެ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމުގެ ގާބިލުކަމާއި ވިސްނުން ދިވެހިންގެ ކިބައިގައި ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިން ވެގެންދާނީ ސިނާއަތުގެ ވެރިންނަށް ކަމަށާއި ދަށްފަންތީގެ ވަޒީފާތަކުގައި އޭރުން އުޅޭނީ ބިދޭސީން ކަމަށެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ މަތީ ފަންތިއަށް ގެންދިއުމަށް އިތުރު 100،000 އެނދު ރާއްޖެއަށް ބޭނުންވާ ކަމަށާއި އޭރުން ރާއްޖޭގައި ބޭނުންކޮށްފައި އިތުރުވާ ވަރަށްވެސް ބޭރު ފައިސާ ލިބެން ހުންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު