ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 9:30 އަށެވެ. މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.
އާރަށު މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ލިބިފައިވަނީ އަޑުއެހުން އޮތް ދުވަހު ކަމަށްވުމާއެކު ލިޔެކިޔުންތައް ހަމަތޯ ބަލައި ދިރާސާކޮށްލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ޑރ. ޖަމީލު އެގޮތަށް އެދުމުން ގާޒީ ޝަކީލު ވިދާޅުވެފައިވަނީ މިމަހު 13 ވަނަ ދުވަހު ހެނދުނު 9:30 ގައި އިތުރު އަޑުއެހުމެއް ބާއްވައި ލިޔުންތައް ލިބިފައިވޭތޯ ކަށަވަރުކުރުމަށްފަހު މިމަހު 27 ވަނަ ދުވަހުގެ 9:30 ގައި ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
މިމަހު 13 ވަނަ ދުވަހު ބޭއްވި އަޑުއެހުން ވެސް ލިޔެކިޔުން ހަމަނުވާތީ ވަނީ ކުރިއަށް ނުގެންދެވިފައެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި، ލޯންޑާ ކޮށްފައިވާ ކަމަށެވެ.
އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.
އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް ވަނީ ވ. ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ.
އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ރަށް އޭގެ ފަހުން ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު