ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިހބުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ) ނޫން ބޭފުޅަކު މަޖިލީހަށް ހޮވައިގެން އެ ދާއިރާގެ ރައްޔިތުންނަށް މޮޅެއް، މަންފާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި އެ ދާއިރާގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، މިއަދު އެ އަތޮޅު މަރޮއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންގެ ކުރިއެރިމާއި ތަރައްގީއަށް ބޭނުންވާ ކަންތައްތަކާއި، ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނީ އެ އިރެއްްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ލޯތްބާއި އިހުލާސްތެރިކަން ހޯދައިގެން ކަމަށެވެ. އެކަންކަމަކީ އެ ދާއިރާގެ މަޖިލިސް މެންބަރުގެ ޕްލޭނަށް ކުރިއަށްދާ ކަންތައްތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ގާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ އިންތިހާބުގައި، އޭނާގެ ހަރަދުގައި ކޮމަންޑޫ އާއި މަތި ކޮމަންޑޫއާ ގުޅާލައިދޭނެ ކަމުގެ ވައުދު އެ ރަށު ރައްޔިތުން ގާތު ވި ނަމަވެސް، ސަރުކާރުން އެކަމަށް ހުއްދަ ނުދިނުމުން އެކަން ނުކުރެވުނު ކަމަށެވެ.
"2008 ވަނަ އަހަރުގެ އިންތިހާބުގައި ކޮމަންޑޫ ރައްޔިތުން އެއްކޮށްފައި އަޅުގަނޑު ބުނިން، މަތި ކޮމަންޑޫ އާއި ދަށު ކޮމަންޑުއާ އެއްކޮށް އަޅުގަނޑުގެ އަމިއްލަ ހަރަދުގައި ހިއްކައިދޭނަމޭ، ތިބޭފުޅުން ސަރުކާރުން ހުއްދަ ހޯދައިދޭށޭ، މިއަދުގެ ވާހަކައެއް ނޫން. އެކަމަކު އެރަށު ރައްޔިތުންނަށް އެ ހުއްދައެއް ނުލިބުނު. ނުލިބުނީ ސަރުކާރުން ނުދެއްވީމަ،" ގާސިމް ވިދާޅުވިއެވެ.
ނަމަވެސް މިއަދު ދެ ކޮމަންޑޫ އެއްކުރެވޭނެ ގޮތް މެދުވެރިވެ، ބިން އިތުރުވާނެ ގޮތްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަން ކޮށްދެއްވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ކޮށްދޭ މަސައްކަތްތައް، ހާއްސަކޮށް މަރޮށީ ބަނދަރުގެ މަސައްކަތް ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެފަދަ ކަންތައްތައް ކުރިއަށްދާ އިރު، ސަރުކާރުން ތާއީދުކުރާ އެމްޑީޕީގެ ކެންޑިޑޭޓް ނުހޮވުމަކީ ރައީސުލްޖުމްހޫރިއްޔާވެސް ލަދުވެތިވާނެ ކަމެއް ކަމަށެވެ. ހަމަ އެގޮތަށް ސަރުކާރު ކޯލިޝަން ޕާޓްނަރެއްގެ ހައިސިއްޔަތު އޭނާވެސް ލަދުގަންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކޮމަންޑޫގައި އަމިއްލަ ބޮޑު މަޝްރޫއެއް ކުރިއަށްދާ އިރު، ގާސިމްގެ މުވައްޒަފުންގެ ގޮތުގައިވެސް އެ ރަށު ރައްޔިތުން ހިމެނޭކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންނަށް ތަނަވަސްކަން ލިބި ކުރިއެރުން ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
އެެހެންކަމުން އެކަމަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓް ހޮވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކުން ދައްކާ ވާހަކަތަކާއި، އެހެން މީހުން ދިއްކޮށްލާ ހަދިޔާތަކަށް ހިތް ބަދަލު ނުކޮށް، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަަށް ގާސިމް އިލްތިމާސްކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ސޯލިހަކީ ހިތްހެޔޮ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި އެކަން ބޭރު ގައުމުތަކުން ގަބޫލު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަބުދުލްގައްޔޫމުގެ ވެރިކަމަކީ، އޭނާވެސް މަސައްކަތްކޮށްގެން ގެނައި ވެރިކަމެއް ކަމަށެވެ. ނަމަވެސް ނުހައްގުން ކަމަކާނުލައި އޭނާ ހައްޔަރުކޮށް، ތިން އަހަރު ދުވަހަށް ޖަލަށް ހުކުމް ކުރީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި އޮއްވައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން އެގޮތަށް އުޅުއްވާއިރުވެސް ރައީސް ސޯލިހު އެފަދަ ފިޔަވަޅެއް ނާޅުއްވާ ކަމަށާއި އެއީ އިހުލާސްތެރި ބޭފުޅެއް ކަަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ހޮވަން ޖެހެނީ މަޖިލީހުގައި އެ ޕާޓީގެ މެންބަރުން މަދުވެގެން ނޫން ކަމަށެވެ. އެއީ ދާއިރާގެ ރައްޔިތުންގެ މަންފާއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަކުރައްވާ އިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރައްވަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.