ކުޅިވަރު

ފެސްކޯ އެނބުރި ވެލެންސިއާއަށް، "އުންމީދަކީ ލީގު ތަށި"

ކްލަބު ވެލެންސިއާގެ ކޯޗު ކަމާ އަހުމަދު މުޖުތަބާ (ފެސްކޯ) ހަވާލު ވެއްޖެއެވެ.

ފެސްކޯއަކީ ކުރިން ވެލެންސިއާއަށް ކުޅެ، ކުޅުން ހުއްޓާލުމަށްފަހު އެ ކްލަބުގެ ކޯޗުކަމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. މީގެކުރިން 2003 ވަނަ އަހަރުވެސް ފެސްކޯ ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އިރު، އެންމެފަހުން ވެލެންސިއާ ކޯޗެއްގެ ގޮތުގައި އޭނާ ފެނުނީ 2017 ވަނަ އަހަރުއެވެ.

ވެލެންސިއާގެ ކޯޗު ކަމުގައި މިދިޔަ ސީޒަނުގައި ހުރި އަހުމަދު އާތިފް (އާތީ) އެ މަގާމުން ދުރަށް ޖެހިލުމާއެކު ވެލެންސިއާއިން މި ސީޒަންގެ ޕްރެސިޑެންޓްސް ކަޕް ނިންމާލީ ދާއިމީ ކޯޗަކާ ނުލައެވެ. އެ ކްލަބަށް އިރުޝާދު ދިނުމުގައި އެސިސްޓެންޓް ކޯޗުން ފާހަގަވެގެން ގޮސްފައިވާ އިރު، އެންމެ ބޮޑަށް ހަރަކާތްތެރިވީ ތަޖުރިބާކާރު ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. ކުޑަ ހީނާ ކޯޗުގެ މަގާމުގައި ނުޖެހެނީ ހީނާ އަތުގައި ބީ ލައިސަންސް އޮންނާތީއެވެ.

ވެލެންސިއާއަކީ އޭއެފްސީ ކްލަބް ލައިސެންސިން ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކްލަބަކަށް ވުމާއެކު އެ ކްލަބުގެ ކޯޗުގެ މަގާމުގައި ހުންނަން ޖެހޭނީ އޭއެފްސީ އޭ ލައިސަންސް ކޯޗެކެވެ. ފެސްކޯއަކީ އޭއެފްސީ އޭ ލައިސަންސް ކޯޗެވެ.

"ވެލެންސިއާއަކީ އަހަރެންގެ ޓީމު އަބަދުވެސް. ކޯޗުކަން ކޮށްދީ، ކުޅުނީވެސް އެ ކްލަބަށް. ވެލެންސިއާގައި މިހާރު އޮތް ކޯޗިން ޓީމަކީ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނުވެސް ޓީމެއް. ތުއްތުއާއެކު ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ހުންނާނެ ކުރިންވެސް. އޭވައިއެލްއާއި ވިއެންސާގައިވެސް އެކުގައި މަސައްކަތް ކޮށްފައި ހުންނާނީ. އެހެންވީމަ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމަށް އަނބުރާ ދެވުން. ހާއްސަކޮށް އާފިއު، ކުޑަ ހީނާ، މައު، މި އެންމެންނަކީވެސް ވަރަށް ބޮޑަށް، ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއް،" ފެސްކޯ "ވަން"އަށް ބުންޏެވެ.

ރަނގަޅު ސްކޮޑަކާއެކު ވެލެންސިއާއިން ސީޒަނަށް ތައްޔާރުވެ، ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބު ކޮށްފައިވެއެވެ. ދެން އެޓީމަށް އޮތީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ކޮލިފިކޭޝަންގެ ޗެލެންޖާއި ލީގުގެ ޗެލެންޖެވެ. ފެސްކޯގެ ނަޒަރުގައި ވެލެންސިއާއާ ހަވާލުމަކީ ޗެލެންޖެއް ނަމަވެސް އުންމީދަކީ ލީގު ތަށްޓެވެ.

"ވެލެންސިއާއާ ހަވާލުވުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ،. މިހާރު ވެލެންސިއާއާ ދޭތެރޭ އެކްސްޕެކްޓޭޝަން ވަރަށް ހައި ވާނެ. ދިގު މުއްދަތުގެ ސީޒަނަކަށް ވާދަކުރާއިރު، ޗެލެންޖުތަކެއް އަންނާނެ. އެކަން އެނގިހުރެ ހަވާލުވީ. ކޯޗިން ޓީމެއް އެބައޮތް، ވަރަށް މަސައްކަތް ކުރާ ކޯޗިން ޓީމެއް. ރަނގަޅު ސްކޮޑެއްވެސް އެބައޮތް، އެއީ ވަރަށް ބޮޑު ހިތްވަރެއް. ލީގު ތަށްޓަކީ އުންމީދު. ވެލެންސިއާއިން އެއްވެސް އިރެއްގައި މުބާރާތެއްގައި ބައިވެރިވެފައެއް ނޯންނާނެ ތަޖުރިބާއަކަށް، ނޫނީ ކުޅެލާކަށް. ވެލެންސިއާއިން ޓާގެޓް ކުރާނީ ތަށްޓައް،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ އަލުން ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަށް އައިސްފައި ވަނީ މީގެ ދެ ސީޒަނެއް ކުރިން ދެވަނަ ޑިވިޝަނުގައި އޮތުމަށް ފަހުވެސް މެއެވެ. ވެލެންސިއާއިން މިއަހަރު ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، އެއީ 2016 ވަނަ އަހަރަށްފަހު ވެލެންސިއާއިން ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. އެޓީމުން 2016 ވަނަ އަހަރު ކާމިޔާބުކުރީ އެފްއޭ ކަޕެވެ.