ކުޅިވަރު

ޑިމާންޑު ބޮޑު ފޯވަޑް ވްލަހޮވިޗް ގެންދަން ޔުވެންޓަސް އެއްބަސްވުމަކަށް

ޔޫރަޕްގެ އެންމެ ގިނަ ކްލަބުތަކަކުން ފާރަލަމުން އަންނަ ސާބިއާގެ ފޯވަޑް ޑޫސާން ވްލަހޮވިޗް ގެންދަން ޔުވެންޓަސްއިން، ފިއޮރެންޓީނާއާއެކު އެއްބަސްވުމަކަށް އައިސްފާ ވާކަމަށް ނޫސްތަކުން ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ފޯވަޑް ވްލަހޮވިޗަށް ޕްރިމިއާ ލީގުގެ ކްލަބުތަކުންވެސް ފާރަލަމުން އަންނަ އިރު، އެންމެ ގަދަޔަށް އޭނާ ގެންދިޔުމަށް މަސައްކަތް ކުރީ އާސެނަލްއިންނެވެ. މި ސީޒަނުގައިވެސް ވްލަހޮވިޗް 20 ގޯލު ޖަހައިފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމަށްވެސް މުހިއްމު ގޯލުތަކެއް މި ސީޒަނުގައި ޖަހައިދީފައެވެ.

އެގޮތުން ސާބިއާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި އަޒަރުބައިޖާންއާއި ލަކްސަންބާގު ކޮޅަށްވެސް ވްލަހޮވިޗް ގޯލުތައް ޖަހާފައިވެއެވެ. ސާބިއާ ވޯލްޑް ކަޕަށް ޔަގީންކޮށް ކޮލިފައިވީ ޕޯޗުގަލް އޮތް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ފިއޮރެންޓީނާއާއެކު ޔުވެންޓަސްއިން، ވްލަހޮވިޗަށް އެއްބަސްވި އަގަކީ 75 މިލިއަން ޔޫރޯގެ އަގެކެވެ. އޭގެ އިތުރުން ބޯނަސް ފައިސާއެއް ޔުވެންޓަސްއިން ފިއޮރެންޓީނާއަށް ހުށަހަޅާފައިވެސް ވެއެވެ. ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ނަމަވެސް ކުޅުންތެރިޔާއާއެކު އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އިތުބާރު ނޫސްވެރިންގެ ފަރާތުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔުވެންޓަސްއިން ވަނީ ވްލަހޮޗަށް، މުސާރާއިގެ ގޮތުގައި އަހަރެއްގެ މައްޗަށް ހަތް މިލިއަން ޔޫރޯ ޖެހޭ އެއްބަސްވުމެއް ހުށަހަޅާފައެވެ. ވްލަހޮވިޗްގެ ފަރާތުން އެ މުސާރައަށް އަދި އެއްބަސްވެފައެއް ނުވެއެވެ.