ޚަބަރު

ކޮވިޑްގެ ހާލަތު ގޯސްވެ، ތިނަދޫގައި ހަތް ދުވަހަށް ކާފިއު ހިންގަނީ

މުހައްމަދު އިޝާން

ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ ގދ. ތިނަދޫގައި ހަތް ދުވަހަށް ކާފިއު ހިންގަން ފަށައިފިއެވެ.

ތިނަދޫ ކަައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެރަށުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނާތީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހަކަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކާފިއު ހިންގަން ފަށާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެރަށުގައި ކާފިއު ހިންގަން ނިންމާފައިވަނީ ހަތް ގަޑިއިރަށެވެ. އެއީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށެވެ. އެ ވަގުތުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުންތަކަށް، ފުލުހުން ދޫކުރާ ޕޮލިސް ޕާމިޓާއެކުއެވެ.

ކާފިއުގެ އިތުރުން ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ވެސް ވަނީ މަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ތިނަދޫއަށް މުދާ ހިފައިގެން އަންނަ އުޅަދުތަކުން ތިނަދޫ ހެލްޕް ޑެސްކުން ހުއްދަ ހޯދަން ޖެހޭނެއެވެ. އަދި މުދާ ހިފައިގެން އަންނަ އުޅަނދަކުން ބާލާ މުދާތައް އޭގެ ވެރިފަރާތުން ގެންދާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް އަމަލުކުރަން ކައުންސިލުން ވަނީ އެދިފައެވެ.

ޑެލިވަރީކުރާ ފަރާތްތައް އެއްވެސް ގޯއްޗެއްގެ ތެރެއަށް ވަނުން ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް އަމަލުކުރަން ޖެހޭއިރު ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު ޕަސެންޖަރުން އުފުލާ އުޅަނދުތަކުން ވެސް އެޗްޕީއޭގެ ގައީޑްލައިނަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ތިނަދޫގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރޭތީ އެޗްޕީއޭއިން ވަނީ އެރަށް މޮނިޓަރިންއަށް ވެސް ލައިފައެވެ. ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އެރަށުގައި 204 އެކްޓިވް ކޮވިޑު ކޭސް އުޅޭ ކަމަށެވެ. އަދި މިއަދު އެކަނިވެސް 60 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ.