ޚަބަރު

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިނަށް ގާސިމް، ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާއަށް ވަޑައިގެންފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކުރަން މީގެ ކުރިން އެ ޕާޓީން ވަނީ ނިންމައިފައެވެ.

ޖުމްހޫރީ ޕާޓީން ބުނީ، ލީޑަރު ގާސިމުގެ އިތުރުން އެޕާޓީގެ އިސް ބޭފުޅުން ކޮމަންޑޫ ދާއިރާއަށް މިއަދު ވަޑައިގެންފައިވާ ކަމަށެވެ.

ޖޭޕީން ބުނީ ގާސިމްގެ މި ދަތުރުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދާއިރާގައި ހިމެނެނީ ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮއްޓެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީންވެސް، މި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ވަނީ ނިންމައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމުން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައިނުވާ އިރު، އެޕާޓީން އެދިފައިވަނީ އެންމެ ގާބިލު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.

މި ބައި އިލެކްޝަނަގައި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު ވާދަކުރައްވާ އިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރައްވަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

މި އިންތިހާބުުގެ ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. ކޮމަންޑޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3316 އެވެ.