ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި، އެމްޑީޕީއަށް ނުދޭން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ސުވާލެއް ކުރައްވައިފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އެމްއާރުއެމް ފިޔަވައި ހުރިހާ ޕާޓީއަކުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދުކުރުމަށް ނިންމައިފައެވެ.
އެމްއާރުއެމުން ވަކި ޕާޓީއަކަށް ތާއީދު ނުކުރާކަން ހާމަކޮށް، އެ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އިންތިހާބުގައި ވޯޓު ދޭއިރު ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބައި، ގާނޫނުން ކަށަވަރުކޮށްދީފައިވާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމުގެ ހައްގު އަމާނާތްތެރިކަމާއެކު ބޭނުންކުރަން ޖެހޭ ކަމަށް ބުނެފައެވެ. ނުސީދާކޮށް އެމްއާރުއެމުން ތަހުމަތުތަކެއް ކުރި ނަމަވެސް، ވަކި ޕާޓީއެއްގެ ނަމެއް ފާހަގަކޮށްފައެއް ނުވެއެވެ.
އެމްއާރުއެމްގެ އެ ބަޔާނާ ގުޅިގެން ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި، ކޮމަންޑޫ ދާއިރާގެ ގޮނޑިއަކީ ސަރުކާރަށް މުހިންމު ވެގެން އުޅޭ ގޮނޑިއެއްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެމްޑީޕީއަށް އެ ގޮނޑި ލިބުމާ ދެކޮޅަށް އެމްއާރުއެމުން މަސައްކަތްކުރަނީ ސަރުކާރުން އެ ޕާޓީ ބޭރުނުކޮށްގެންތޯ ރީކޯ ވަނީ ސުވާލު އުފައްދަވައިފައެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަން ދަމަހައްޓާ ވާހަކަ އެއީ ރާއްޖޭގެ ސިޔާސީ އެންމެން ދެބަސްވާ ވާހަކައެއް ނޫން. އެމްޑީޕީ އެތެރޭގައިވެސް ހިޔާލުތަފާވުން ބައެއް ފަހަރު އަންނަކަން އެނގޭ އިރު، ސަރުކާރަށް މުހިންމުވެގެން އުޅޭ މަޖިލިސް ގޮނޑި އެމްޑީޕީއަށް ނުދޭން އެމްއާރުއެމް މި ވަރަކަށް މިއުޅެނީ ސަރުކާރުން ބޭރުކުރޭތޯތަ؟،" މީގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރެއްވި ރީކޯގެ ޓުވީޓުގައި ވިދާޅުވިއެވެ.
ނުފޫޒާއި ފިއްތުންތަކަށް ބޯނުލަނބުމަށް ގޮވާލައި އެމްއާރުއެމުން ނުސީދާކޮށް ތުހުމަތުތަކެއް ކުރި އިރު، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕާނުގެ ތެރެއިން ސަރުކާރުން ވަނީ އެ ދާއިރާއަށް ވައުދުތަކެއް ވެފައެވެ. އެގޮތުން ކެމްޕޭން ޖަލްސާއެއްގައި ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ށ. ކޮމަންޑޫއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އޭގެ އިތުރުން ކޮމަންޑޫ ކައިރީގައި އޮންނަ ގުޅިފައިވާ ތިން ރަށުގައި ރިސޯޓު ހެދުމަށް މިހާރު ބީލަމަށް ވެސް ވަނީ ހުޅުވާލައިފައެވެ.
ނުފޫޒުގެ ވާހަކައިގެ އިތުރުން އެމްއާރުއެމުން ވަނީ ސަރުކާރުގެ ވައުދުތަކެއް ވެސް އާކޮށްދީފައެވެ. އެމްއާރުއެމްގެ ބަޔާނުގައި، މި ސަރުކާރުން ވެރިކަމަށް އައީ އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް ވަކާލާތުކޮށްގެންކަން ފާހަގަކޮށްފައިވެއެވެ.
އެމްއާރުއެމުން ބުނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކާއި އެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރާ ފަރާތްތަކުންވެސް ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނާއި އަދި އެހެނިހެން ގާނޫނުތަކާ ހިލާފު ނުވާނޭހެން ކެމްޕެއިން ކުރުމަށާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލާ ކަމަށެވެ. އަދި ވޯޓު ދިނުމުގައި ވަގުތީގޮތުން ލިބޭ ފައިދާގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތުތައް ހުށަހަޅައި، އެ ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ގާބިލުކަން ހުރި ކެންޑިޑޭޓަކަށް ވޯޓު ދިނުން މުހިންމު ކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމުން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕާޓީތަކުން ފޯރިއާއެކު ކުރަމުން އަންނަ އިރު، އިންތިހާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ގިނަ ކަންކަން މީޑިއާގައި ފެންމަތިވަމުންދާ ކަމަށެވެ.
އެގޮތުން އިންތިހާބުތަކާ ގުޅުވައި ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި ކެމްޕެއިން ދުވަސްވަރު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދެމުންދާ ކަމަށް އެމްއާރުއެމުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު