އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019 ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރައީސް، ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 3 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ސޯލިހު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ އެޖެންޑާވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ އާންމުކޮށްފައެވެ. އެޖެންޑާގައިވާގޮތުން އެދުވަހުގެ ޖަލްސާ ފަށަން ހަމަޖައްސާފައިވަނީ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.
މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރއިްޔާ އިއްވަވަން ލާޒިމްވެ ވަޑައިގަންނަވާ ބަޔާނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެދުވަހުގެ ޖަލްސާ ނިމޭނެ އެވެ. އިތުރު އައިޓަމެއް ނޯންނާނެއެވެ.