ކޮވިޑު 19 ކޭސްތައް ގިނަވެ، ހާލަތު ގޯސްވުމުން ހއ. ދިއްދޫގައި ކާފިއު ހިންގަން ފަށައިފިއެވެ.
ކާފިއު ހިންގުމާ ބެހޭގޮތުން ދިއްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެރަށުގައި ކޮވިޑް ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިން އަށް ލާފައި ވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ދިއްދޫ ކޮވިޑް ޓާސްކް ފޯހުން ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ.
ކޮވިޑް ޓާސްކް ފޯހުން ދިން ލަފަޔާއެކު ދިއްދޫ ކައުންސިލުން އަޅަން ފަށާފައިވާ ފިިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއު ވަގުތުކަމަށް ވަނީ ހަމަޖައްސާފައެވެ. އެއާއެކު އެވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނަށް ކުދިން ހާޒިރުކޮށްގެން ކިޔަވަދިނުންވެސް ވަނީ މަނާކޮށްފައެވެ. ގްރޭޑް 7 އަށްވުރެ ދަށުގެ ގްރޭޑް ތަކުގެ ކުދިން ސްކޫލަށް ގެންދިއުންވެސް ހުއްޓާލުމަށް މި އިއުލާނުގައި ވެއެވެ.
މީގެ އިތުރުންވެސް ހުއްދަ ދީފައިވާ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމަށާއި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް ވެސް އެ އިއުލާނުގައި ވެއެވެ. ފިހާރަ، ކެފޭ ހޮޓާ އަދި ބޯކޮށާ ސެލޫން ފަދަ ތަންތަން ރޭގަނޑު 9:00 އެއްގެ ފަހުން ބަންދުކުރުމަށާއި އެވަގުތުން ފެށިގެން ދަންވަރު 12:00 އާ ދޭތެރޭ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
ދިއްދޫގައި އަނެއްކާވެސް ކޮވިޑު ފެތުރެން ފަށާފައިވާއިރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 56 އަށް ވަނީ އަރާފައެވެ. ދިއްދޫގެ ކޮވިޑު ފެތުރޭތީ އެރަށަށް އަރައި ފޭބުން މަނާ ކުރީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.