ޚަބަރު

ކޯޓުން ފުލުހުންނަށް "ޖަވާބު" ދީފި، އެކަމަކު އަދިވެސް ނުލިބެނީ އަލީ ވަހީދު ގެނައުމުގެ އިނގެރޭސި އަމުރު!

ރިފާ ހަލީލު

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބަންދުކޮށްގެން ރާއްޖެ ގެނައުމަށް ބޭނުންވާ، އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރު ހޯދަން ފުލުހުން ކުރިމިނަލް ކޯޓުގައި އެދުނު ނަމަވެސް މިއަދާ ހަމަޔަށްވެސް އެ އަމުރު ނެރެފައި ނުވާ ކަން ހާމަވެއްޖެ އެވެ.

ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. ނަމަވެސް އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓުއަމުރެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ކުރިމިނަލް ކޯޓަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ކަމަށް ފުލުހުން ވަނީ މީގެ ކުރިން "ވަން" އަށް ވިދާޅުވެފަ އެވެ.

ކުރިމިނަލް ކޯޓުން ވަނީ އެ ސިޓީ ލިބުނުކަން ހުސްވި ހަފުތާގައި ޔަގީންކޮށްދީފަ އެވެ. އަދި ސިޓީގެ "ޖަވާބު" މިހާރު ދީފައިވާ ކަމަށް މިއަދު އެ ކޯޓުން ވަނީ "ވަން" ކަށަވަރު ކޮށްދީފަ އެވެ. އެހެން ނަމަވެސް އެއީ ފުލުހުން އެދުނު އަމުރުތޯ އެހުމުން އެޔަށް ކޯޓުން ސާފު ޖަވާބެއް ދީފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާ ކުރުމުން، ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ބަންދުކޮށްގެން ރާއްޖެ ގެނައުމަށް ބޭނުންވާ އިނގިރޭސި ކޯޓު އަމުރު ހޯދުމަށް ކުރިމިނަލް ކޯޓަށް ފޮނުވި ސިޓީގެ "ޖަވާބު" ލިބިފައިވާ ކަމަށެވެ.އެ ޖަވާބާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މީގެ މާ ބޮޑު ތަފުސީލެއް ހިއްސާއެއް ނުކުރެއްވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ފޮނުވި ސިޓީގެ ޖަވާބު ލިބުނު ކަމުގައިވީނަމަވެސް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ބޭނުންވާ އިނގިރޭސި ކޯޓު އަމުރު ފުލުހުންނަށް ކޯޓުން އަދި ދީފައެއް ނުވެއެވެ.

ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށްކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޯޓު ރިސެސް އަކަށް ދިޔުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާ ހާޒިރު ނުވެ، އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.