ކުޅިވަރު

ޒިޔެޗްގެ ޖާދުވީ ގޯލެއް، ޗެލްސީން އަނެއްކާވެސް ސްޕާސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކޮށްފިއެވެ.

މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ލަންޑަން ޑާބީ ޗެލްސީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް މި ސީޒަންގައި ޗެލްސީ އާއި ޓޮޓެންހަމް ހަތަރު ފަހަރަށް ކުޅެފައިވެއެވެ. އެ ހަތަރު މެޗުންވެސް މޮޅުވީ ޗެލްސީއެވެ. މިރޭގެ މެޗަކީ މިއަހަރުވެސް ޗެލްސީން ސްޕާސް ބަލިކުރި ތިންވަނަ މެޗެކެވެ. މީގެ ކުރިން މި މަހުގެ ތެރޭގައި ޗެލްސީން ޓޮޓެންހަމް ބަލިކުރި ދެމެޗަކީ ލީގު ކަޕް ސެމީ ފައިނަލްގައި ކުޅުނު ދެމެޗެވެ.

ޗެލްސީން މިރޭގެ މެޗަށް ނުކުތީވެސް އެންމެ ރަނގަޅު ފޯމުގައި އޮވެގެން ނޫނެވެ. އަނިޔާގެ މައްސަލަތަކާއެކު ޗެލްސީގެ ފޯމު ވަރަށް ބޮޑަށް ގެއްލި އެޓީމުން ލީގުގެ ތިންވަނައަށް ސޮއްސާލާފައި އޮތް އިރު، އިންޓަނޭޝަނަލް ބްރޭކް ކުރިން މިރޭގެ މެޗުން މޮޅެއް ނެގުން ޗެލްސީއަށް އޮތީ ވަރަށް މުހިއްމު ވެފައެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ޗެލްސީއާއެކު މީގެ ކުރިން ބޭނުން ކުރަމުން ދިޔައީ ތިން ސެންޓްރަލް ޑިފެންޑަރުން ބޭނުންކުރާ ފޯމޭޝަނެއް ނަމަވެސް މިރޭގެ މެޗަށް ނުކުތީ ދެ ސެންޓްރަލް ޑިފެންޑަރުންނާއެކު ހަތަރު ޑިފެންޑަރުން ބޭނުންކުރާ ފޯމޭޝަނެއްގައެވެ. އާންމުކޮށް ވާތް ފަޅިން ފަހަތަށް ކުޅޭ މާކަސް އެލޯންސޯގެ ބަދަލުގައި މަލަންގު ސާ އެ މަގާމުން ފެނުނު އިރު، އެންގޯލޯ ކަންޓޭވެސް ފެށީ ބެންޗުންނެވެ. ޗެލްސީގެ ފޯވަޑް ލައިނުގައި ފެނުނީ ރޮމެލޫ ލުކާކޫއެވެ.

ފުރަތަމަ ކޮޅުގައިވެސް ފެނުނީ ޗެލްސީގެ އެޓޭކުތަކެވެ. ހާއްސަކޮށް ހަކީމް ޒިޔެޗްގެ ނުރައްކާ ވަރަށް ބޮޑަށް ފެނުނެވެ. އޭނާގެ ކޮންމެ ހުރަހެއްވެސް ފެނުނީ ނުރައްކާ ކޮށެވެ. ފުރަތަމަ ހާފުގައި ލުކާކޫއަށް ގޯލު ޖަހާނެ ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔަ އިރު، އަނެއްކޮޅުން ހެރީ ކޭން ވަނީ ބޯޅަ ގޯލަށްވެސް ވައްދާލައިފައެވެ.

ކޭން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ، ފުރުސަތު ހޯދުމުގައި ކޭން ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާއަށް ފައުލް ކޮށްފައިވުމުންނެވެ.

ފުރަތަމަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޗެލްސީން ލީޑު ނެގިއެވެ. ޒިޔެޗްގެ ޖާދުވީ ހިތްގައިމު ގޯލެކެވެ. ކަނާތް ފަޅީގެ އޭރިއާ ބޭރުން ވާތު ފަޔަށް ހެޔޮވަރު ކޮށްލައިފައި ޒިޔެޗް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. ބޯޅަ ދިޔަ ގޮތުން ފުރަތަމަ ހީވީ ބޭރަށް ދިޔަހެން ނަމަވެސް، އެތެރެއަށް ބޯޅަ އެނބުރިގެން ދިޔައީ ފަހު ވަގުތުއެވެ. ޓޮޓެންހަމްގެ ފްރާންސް ކެޕްޓަން ހޫގޯ ލޮރެސް ހުރީ ހަރަކާތް ހުއްޓިފައެވެ.

މެޗުގައި ޗެލްސީން ލީޑު ފުޅާކުރީ މޭސަން މައުންޓުގެ ހިލޭ ޖެހުމަކުން ސިލްވާ ޖެހި ގޯލުންނެވެ. މައުންޓު ނަގައިދިން ބޯޅަ ސިލްވާ ޖެހީ ބޮލުންނެވެ. މެޗުގެ ފަހު ކޮޅުގައި ޓޮޓެންހަމްއަށް ލިބުނު ކޯނަރެއްގައި ކޭން ބޮލުން ބާރު ހަމަލާއެއް ފޮނުވައިލި ނަމަވެސް ޗެލްސީގެ ގޯލު ބެލެހެއްޓި ކެޕާ އަރީޒާބަލާގާ ވަނީ އެ ބޯޅަ ޕަންޗުކޮށް ބޭރު ކޮށްލައިފައެވެ.

ޗެލްސީއަށް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުގެ ކުރިން ދެވަނައިގައި އޮތް ލިވަޕޫލަށް 22 މެޗުން ލިބެނީ 48 ޕޮއިންޓެވެ. ޓޮޓެންހަމްއިން 20 މެޗު ކުޅުނު އިރު، އެޓީމަށް 36 ޕޮއިންޓް ލިބިފައިވެއެވެ. މިވަގުތު ޓޮޓެންހަމް ހަތްވަނައިގައި އޮތީ ހަވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެގެންނެވެ. އާސެނަލް އޮތީ ޓޮޓެންހަމްއަށްވުރެ މެޗެއް އިތުރަށް ކުޅެފައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 23 މެޗުން 57 ޕޮއިންޓާއެކު ބޮޑު ލީޑެއްގައެވެ.