އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާނީ މަހުގެ އަގު އުފުލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދު ހޯދުމަށް ށ. ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަސްކިލޯއެއް ދެ ރުފިޔާއަށް ހަމައެކަނި އެސްޓީއޯއަށް ވިއްކޭ ޒަމާނެއްވެސް ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށާއި މަސްވެރިން މިހާރު ބޭނުންވަނީ ބާނާ މަހަށް ހަމަ އަގު ލިބުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ، މަހުގެ އަގު އުފުލޭނީ ބާނާ މަސް، ރަށްރަށުގައި ބަންދުކުރެވޭނެ ގޮތް ވެގެން ކަމަށެވެ.
"މަހުގެ އަގު އުފުލުން އެއީ އެމްޑީޕީ އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ސިޔާސަތު. އެ މަހުގެ އަގު އުފުލޭނީ މިހާރު އެންމެ ބޮޑަށް ސާފުވާ ގޮތުގައި ތިބޭފުޅުންނަށް މިރަށުގައި، މި ކޮމަންޑޫގައި މަސް ބަންދުކުރެވިގެން. އަޅުގަނޑުމެން މި ބުނަނީ ގޭދޮށު މަސް ޕްލާންޓުގެ ވައުދު،" ނަޝީދު ވިދާޅުވިއެވެ.
ގޭދޮށު މަސް ޕްލާންޓަކީ، އެމްޑީޕީގެ ވައުދެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ ވައުދު އަދި ނުފުއްދޭ ކަމަށެވެ. ގޭދޮށު މަސް ފެކްޓަރީތައް ހެދުމަށް ގެތަކުގެ ބަދިގެތައް ތަރައްގީވާން ޖެހޭ ކަމަށާއި މިހާރުވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި އެ ފެންވަރުގެ ބަދިގެތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ތަރައްގީއަށް ކުރި އެންމެ ބޮޑު މަސައްކަތަކީ، ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި އެއީ މި ސަރުކާރުން ކުރި އެންމެ ބޮޑު މަސައްކަތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ޑިސެމްބަރު މަހު ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުގެ އަގު މަތިވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާއި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މަހުގެ އަގު މަތިވާން ފަށާނެ ކަމަށެވެ.