ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި އެތައް މަޝްރޫއެއް ހިންގަވާފައިވާ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ށ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުުގައި އެއަތޮޅު މަރޮއްޓަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި އެތައް މަޝްރޫއެއް ސަރުކާރުން ހިންގުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ.
ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ސަބަބުން ތައުލީމު އުނގެނުމަށް ލިބޭ ފުރުސަތުތައް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މަރޮށީގެ 26 ކުދިން ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލުކުރަމުން ދިއުމަކީ އެއަށްވުރެވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު އަދި އެމްޑީޕީގެ ސަރުކާސަތަކީ ވެސް ލާމެހިފައިވާ ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން ސަރުކާރުން ރަށްރަށުގައި ހިންގާ ކޮންމެ މަސައްކަތަކީ، އެރަށެއްގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ހިންގޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
"ހިންގަން މިއުޅޭ އެންމެ މުހިއްމު ކަންކަމަކީ މުއްސަނދިވުން، ތަނަވަސްވުން، އާންމު ހާލަތު ރަނގަޅުވުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ގިނަޕާޓީ ހިމެނޭ ރިޔާސީ ނިޒާމާއި ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދީ، މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގަންނަމުން ގެންދިއުމަކީ ރައްޔިތުން ތަނަވަސްވާނެ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށެވެ. އެގޮތުން އެ އިންތިހާބުގައި ބޮޑުކޮށް އެމްޑީޕީން ވޯޓު ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރަނީ މުހައްމަދު ރާޝިދު (ރާޑޯ) އެވެ. ރާޝިދާ ދެކޮޅަށް ނުކުންނަވާނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީހާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މުސާ ފަތުހީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު