ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓުތައް ގަތުމަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" ފުލުޓު ގަތުމަަށް މިއަދު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ "މައި ހުޅުމާލޭ ޕޯޓަލް" މެދުވެރިކޮށް ފުލެޓު ގަންނަން ހުޅުވާލާފައިވާ އިރު، ހަފުތާއެއްގެ ތެރޭގައި ފުލެޓު ގަންނަން ހުށަހަޅަހަން ޖެހެއެވެ.

ސީލައިފަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" ފުލެޓު ގަތުމަށް ރަޖިސްޓަރީވުމަށް އެޗްޑީސީން ހުޅުވާލީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ، ސީލައިފުން ފުލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް "ވިނަރެސް" ގެ ފުލެޓުތައް ވިއްކުމަށް ހުޅުވައިލީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުން ފުލެޓު ލިބުނު މީހުންގެ ތެރެއިން ހިޔާ ފުލެޓު ދޫކޮށްލައި، "ވިނަރެސް" ފުލެޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށްފަހު ކަމަށެވެ.

ސީލައިފަށް ފައިސާ ދެއްކި މީހުންނާއި ހިޔާ ފުލެޓު ދޫކޮށްލި މީހުންނަށް ފަހު "ވިނަރެސް" ފުލެޓު ދެން ހާއްސަކުރާނީ މާލޭގައި ދިރިއުޅޭ މީހުންނަށް ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އިމާރާތްކުރުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރި އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ.

ނަމަވެސް ފައިސާ ނެގުމަށްފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއްވެސް ނުވެއެވެ. އެ މައްސަލައިގައި ފުލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ބޭރުން މައްސަލަ ނިންމައި އެޗްޑީސީން ވަނީ އެމީހުންނަށް ބަދަލުދީފައެވެ.

"ވިނަރެސް" މަޝްރޫއުގެ ދަށުން ޖުމުލަ ދިހަ ޓަވަރު ހަދާނެއެވެ. މި ޓަވަރުތަކުގައި ޖުމުލަ 1340 އެޕާޓްމަންޓާއެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ. މި ހުރިހާ ވައްތަރެއްގައިވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.

އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެއެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން، މި ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިމޭ އިރު، ލިވިން ރޫމާއި ކޮޓަރިތަކުގައި ހުންނާނީ ތަށިމުށި ޖަހައިފައެވެ. ފާހާނާގެ ތަޅުމާއި ފާރުގައި ވެސް ތަށިމުށި ޖަހައި، ފާހާނާގައި ފިކްސްޗާސްތައް ވެސް ހަރުކޮށްފައި ހުންނާނެއެވެ.

އޭގެ އިތުރުން ބަދިގެ ކަބަޑު ސެޓު ހަރުކޮށް، ބެލްކަނި ހުންނާނީ ދޮންނަ މެޝިން ބެހެއްޓޭ ގޮތަށެވެ. ލިވިން ރޫމާއި ކޮޓަރިތަަކުގައި އޭސީ ހަރުކޮށްފައި ހުންނާނެއެވެ. ނަމަވެސް އެޕާޓްމަންޓުތައް ހަވާލުކުރާއިރު އެތަނުގައި ފަރުނީޗަރެއް ނުހުންނާނެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި އެތަންތަން ވިއްކަން ހަމަޖެހިފައިވަނީ ތިން މޮޑެލެއްގެ ދަށުން ކަމަށެވެ. އެއީ ލީސް ޓު އޯން މޮޑެލް، އޯން އިކުއިޓީ ފައިނޭންސިން މޮޑެލް އަދި އެންޑް ޔޫޒާ މޮޑެލްއެވެ.

ލީސް ޓު އޯން މޮޑެލްގެ ދަށުން ދެ ގޮތެއް ލިބޭނެއެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓް އަގުގެ 15 ޕަސެންޓް ޑައުންޕޭމަންޓުގެ ގޮތުގައި ދެއްކުމަށް ފަހު، 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. ދެވަނަ ގޮތަކީ ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކައިފިނަމަ 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ.

އޯން އިކުއިޓީ ފައިނޭންސިން މޮޑެލްގެ ދަށުން، ޕްރޮޖެކްޓުގެ އަގު އެއް ފަހަރާވެސް ދެއްކޭނެއެވެ. އަދި ބަހާލައިގެން ޕޭމަންޓް ޝެޑިއުލްގެ ދަށުންވެސް ފައިސާ ދެއްކޭނެއެވެ. އެންޑް ޔޫސާ ފައިނޭންސިން މޮޑެލްގެ ދަށުން ބޭންކެއް ނުވަތަ އެހެން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ލޯނެއްގެ ދަށުން އެޕާޓްމަންޓް ގަނެވޭނެއެވެ. އޯން އިކުއިޓީ ނުވަތަ އެންޑް ޔޫޒާ މޮޑެލް ބޭނުންކުރާނަމަ ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި "ވިނަރެސް" ފުލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.