ފުޓްބޯޅަ

މާޒިޔާ ބަލިކޮށް ޕްރެސިޑެންޓްސް ކަޕް ވެލެންސިއާއަށް، އަލިފުށީގެ ފައިނަލު "އަނދިރީގައި"!

ރ. އަލިފުށީ ސްޓޭޑިއަމްގައި ކުޅުނު ޕްރެސިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ކްލަބު ވެލެންސިއާއިން މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއަދު ކުޅުނު ފައިނަލު 2-1 އިން ވެލެންސިއާއިން ކާމިޔާބުކުރި އިރު، މިފަހަރުގެ ޕްރެސިޑެންޓްސް ކަޕުގައި ވެލެންސިއާ ބަލިވެފައެއް ނުވެއެވެ. މިއަދުގެ ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެފައިވާ އިރު، ނަތީޖާ ނުކުތީ އިތުރު ވަގުތުގެ ފަހު ހާފުގައެވެ. މެޗުގެ އިތުރު ވަގުތުގެ ބޮޑުބައި މާޒިޔާއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ނާއިޒް ހަސަން (ދާދު)އަށް ރަތް ކާޑު ދެއްކުމުންނެވެ.

މިއަދުގެ ފައިނަލް މެޗަށް އަލިފުށި އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ފައިނަލަށް އަލިފުށީގެ އެންމެހާ ރައްޔިތުންވެސް ޖޯޝާއެކު ތައްޔާރުވެފައިވާ އިރު، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފައިނަލް މެޗަށް ވަޑައިނުގެންނެވުނީ ކޮވިޑަށް ޕޮޒިޓިވްވެފައި ހުންނެވުމުންނެވެ.

މިއަދުގެ ފައިނަލް ޝަރަފުވެރިކޮށްދެއްވުމަށް ނައިބު ރައީސާއެކު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އާއި އަލިފުށީ ކައުންސިލުގެ ރައީސް އާދަމް އިމްރާން ބައިވެރިވެވަޑައިގެންފައިވެއެވެ. ފައިނަލް ބެލުމަށް އަލިފުށީ ސްޓޭޑިއަމް އޮތީ ފުރާލައިފައެވެ. ކައިރި ރަށްރަށުންވެސް މާޒިޔާއާއި ވެލެންސިއާއަށް ސަޕޯޓުކުރުމަށް ފޯރީގައި ފުޓުބޯޅަ ސަޕޯޓަރުން އަލިފުއްޓަށް ގޮސްފައިވެއެވެ. އެ ސަޕޯޓަރުންގެ ބެރާއި ފޯރީގެ އަޑު ދަނޑު ސަރަހައްދުގައި ދިޔައީ ގުގުމަމުންވެސް މެއެވެ.

ފައިނަލުގެ ކުރިން ތަށި ދަނޑަށް ނެރުނީ ޕްރެސިޑެންޓްސް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އޭރުގެ ވައިސް ކެޕްޓަން، އަލިފުށީ ފުޓުބޯޅަ ލެޖެންޑް މުހައްމަދު ރަޝީދު (ހޮކޭ) އެވެ.

މެޗަށް ނުކުތް އިރު ދެޓީމަށްވެސް ސަސްޕެންޝަނުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ޕްރެސިޑެންޓްސް ކަޕްގެ ލީގު ބުރުގައި މާޒިޔާއާއި ވެލެންސިއާ ކުޅުނު އެންމެ ފަހު މެޗުގައި ވެލެންސިއާގެ ޑިފެންޑަރު މުހައްމަދު ޝިޒާން (ޝިއްޕެ) އަށް ރަތް ކާޑު ދައްކާފައިވުމުން އޭނާ ސަސްޕެންޝަނުގައި ހުރި އިރު، މާޒިޔާގެ ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަން ހަސަން (ބިޑި)ވެސް ހުރީ މެޗަށް ކާޑު ހަމަވެގެން ސަސްޕެންޝަނުގައެވެ. ބިޑީގެ ބަދަލުގައި މާޒިޔާގެ ފުރަތަމަ 11 އަށް ނުކުތީ އަހުމަދު އަބްދުﷲ (ލިލީ)އެވެ.

ޝިއްޕެ ނެތްތަން ފޫބައްދަން މިއަދުގެ މެޗުގައި ވެލެންސިއާގެ ފަހަތަށް ކުޅުނީ އެހެން މެޗުތަކުގައި އާންމުކޮށް މެދުން ފެންނަ މިސްރުގެ ކުޅުންތެރިޔާ ހަލީލް ގަމާލްއެވެ. އަނެއްކޮޅުން މާޒިޔާއިން ވަނީ ޓީމަށް އަލަށް ގެނައި ޑިފެންޑަރު ސާބިއާގެ ނެމެންޖާ ކާޓަލް ފުރަތަމަ 11 އަށް ނެރެފައެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) މެޗު ފެށީ ބެންޗުންނެވެ.

މިއީ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލެއް ވެރި ރަށް މާލޭން ބޭރުގައި ކުޅުނު ތިންވަނަ ފަހަރެވެ. މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލަކީ 1970 ވަނަ އަހަރުގެ އައްޑޫގައި ކުޅުނު ފައިނަލެވެ. ދެން އޭގެ ފަހުން 2015 ވަނަ އަހަރު ކުޅުނު ފައިނަލްވެސް ކުޅުނީ އައްޑޫގައެވެ.

ފޯރިފަދަ ފައިނަލް ފެށިގެން ތިން މިނެޓުވެސް ނުވަނީސް ފެނުނީ ވެލެންސިއާއިން ލީޑު ނެގިތަނެވެ. އަރިމަތިން ބިޗަޑު ނެގި ކޯނަރު މާޒިޔާ ކުޑަ އޭރިއާ ތެރެއަށް މަޑުމަޑުން އައިސް ގޯލަށް ވަނީ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަސް ފައިގައި ޖެހިފައެވެ. އެ ބޯޅަ ޑިފެންޑަރު ސާފުކޮށްލާނެ ކަމަށް ބަލައި މާޒިޔާ ގޯލްކީޕަރު ކިރަން ކުމާރު ހުރީ ހަރަކާތް ނުކޮށެވެ.

މާޒިޔާގެ ޑިފެންސުގެ ގޯހުން ލީޑު ނަގައި ވެލެންސިއާ ޖެހިލީ ފަހަތަށެވެ. މާޒިޔާއިން ހާފުގެ ބާކީ ބައިގައި ޑޮމިނޭޓްކޮށް، ޕާސްތައް ގިނަކޮށް ކުޅުނު އިރު، ވެލެންސިއާއިން ބެލީ ބޯޅަ ހިފަހައްޓައިގެން ފުރުސަތަކަށް މަޑުކުރުމަށެވެ. މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެޓީމަށް ހަމަލާތައް އުފައްދަން އުނދަގޫވިއެވެ. ހާއްސަކޮށް ވެލެންސިއާއިން ފަހަތަށް ޖެހި ޑިފެންސް ކުރުންވީ މާޒިޔާއިން އެޓޭކް ކުރަން އުނދަގޫވި މައިގަނޑު ސަބަބަށެވެ.

ފުރަތަމަ ހާފުގައި ދެ ފަހަރެއްގެ މަތިން ވެލެންސިއާގެ ޑަކްސަންއަށް ފަރުވާ ދޭން މެޗު މެދުކަނޑާލަން ޖެހިފައިވެއެވެ. ޑަކްސަންއަށް ފަރުވާ ދޭން ޖެހުނީ އޭނާ ބޯ ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. މާޒިޔާއިން ހަމަލާއަކަށް މަސައްކަތް ކޮށް އެޓީމުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ 38 ވަނަ މިނެޓުގައެވެ. އަރިމަތިން އިބްރާހީމް އައިސަމް ނަގައިދިން ހިލޭ ޖެހުމަށް އިބްރާހީމް ވަހީދު (އިއްބެ) ކުރިއަށް އެރުމުން، އެ ބޯޅަ ވެލެންސިއާ ގޯލްކީޕަރު ފައިސަލަށް އުނދަގޫވެ އަތުގައި ޖެހިފައި ގޮސް ޖެހުނީ ދަނޑީގައެވެ. ދަނޑީގައި ޖެހި ބޯޅަ ބޭރުވީ ކޯނަރަކަށެވެ.

އެ ކޯނަރުގައި މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށް ފޯރިގަދަކޮށް އުފާފާޅުކުރިއެވެ. އައިސަމްގެ ކޯނަރު އޭރިއާ ތެރޭގައި ހުރެ ކޮންޓްރޯލް ކޮށްލައިފައި ގޯލަށް ހަނި ޖާގައަކުން ވައްދާލީ މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ.

ދެވަނަ ހާފު ފެށިގެންވެސް ނުރައްކާކޮށް ފެނުނީ މާޒިޔާއިންނެވެ. ހާފުގެ ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބާރު ހަމަލާއެއް އަމްދާން އަލީ (އެންޑީ) ބްލޮކް ކޮށް ބޭރުކޮށްލި އިރު، ހުސައިން ނިހާން (ނިހާޓް) މެދުތެރެއިން ދުއްވާލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާ އަމާޒުވީ ބޭރުން ގޮސް އަރިމަތީ ދާގަނޑަށެވެ.

މެޗުގެ ފަހު ހާފުގައިވެސް ޓެކުލްތަކާއި ފައުލްތައްވެސް ފެނުނު އިރު، ނުރައްކާތެރި ހަމަލާތައް ފެނުނީ މަދުކޮށެވެ. ހާއްސަކޮށް ފަހު ހާފުގެ ކުރީކޮޅުގައި ވެލެންސިއާގެ ހަމަލާތައް ފެނުނީ މަދުންނެވެ. މާޒިޔާގެ ދެ ފުރުސަތެއް އިއްބެއާއި ކޯނޭއަށް ލިބުނު ނަމަވެސް، އެ ދެ ފުރުސަތުގައިވެސް މާ ބޮޑަށް ވެލެންސިއާ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އެ ފުރުސަތުތަކުގައި މާޒިޔާގެ ނުރައްކާ އެހާ ބޮޑަށް ނުފެނުނީ ވެލެންސިއާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސް ކުރަމުން ދިއުމުންނެވެ.

ހާފުގެ ފަހު ކޮޅުގައިވެސް ލީޑަކަށް ބޮޑަށް މަސައްކަތް ކުރީ މާޒިޔާއިންނެވެ. ހަމްޕުގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) އާއި ނިހާޓުގެ ބަދަލުގައި މުހައްމަދު އުމައިރު މެޗަށް ނެރެފައިވެސް ވާ އިރު، ފާހަގަކޮށްލެވުނީ އިއްބެގެ ދެ ހަމަލާއެއްވެސް ފައިސަލް މަތަކުރިތަނެވެ.

މެޗު އެއްވަރުވެފައި އޮވެގެން އިތުުރު ވަގުތަށް ދިޔަ އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ދާދުއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ދާދުއަށް ރެފްރީ ރަތްކާޑު ދެއްކީ ސެންޓޭއަށް ކުރި ނުރައްކާތެރި ފައުލަކަށެވެ. އެ ފައުލުން ސެންޓޭއަށް އަނިޔާވެ ބަދަލުކުރަން ޖެހުނު އިރު، ބަދަލުގައި އެރީ އިސްމާއީލް އީސަ (މެސީ)އެވެ. ކުޅުންތެރިއެއް އިތުރުވުމުގެ ފައިދާ ނަގައި، ވެލެންސިއާއަށް ކުރިއަށް ޖެހިލިއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ލީޑު ނެގިވެސް މެއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ވެލެންސިއާއަށް ލީޑު ނަގައިދިނީ މާޓިން ބޯހާސްއެވެ.

އޭގެ ފަހުންވެސް ހަމަލާތައް ފެނުނު އިރު، ދެޓީމަށްވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މިއީ ވެލެންސިއާއިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. މިއީ 2016 ވަނަ އަހަރަށްފަހު ވެލެންސިއާއިން ތަށްޓެއް ހޯދި ފުރަތަމަ ފަހަރުވެސް މެއެވެ. އޭގެ ފަހުން ވެލެންސިއާ ދެވަނަ ޑިވިޝަނަށްވެސް ގޮސްފައިވާ އިރު، އެޓީމުން 2016 ވަނަ އަހަރު ކާމިޔާބުކުރީ އެފްއޭ ކަޕެވެ.

އަނދިރިވެ ފައިނަލް މެދުކަނޑާލަން ޖެހުނު

މިއަދު ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގެ ފަހު ހާފު ކުޅެމުން ދަނިކޮށް މެޗު މެދުކަނޑާލަން ރެފްރީ ނިންމީ މާޒިޔާގެ ކޯޗު އަދި މެނޭޖަރު އެކަމަށް އެދުމުންނެވެ. މެޗު މެދުކަނޑާލަން މާޒިޔާއިން އެދުނީ ލައިޓް ސިސްޓަމްގެ ބައެއް ލައިޓުތައް ނިވި ދަނޑު ވަރަށް ބޮޑަށް އަނދިރިވެފައި އޮތުމުންނެވެ. އޭގެ ކުރިންވެސް ދަނޑުގެ ލައިޓުތައް ނިވުމުގެ މައްސަލަތަކެއް ދިމާވެ މެޗު މެދުކަނޑާލައިގެން ވަގުތުތަކެއް ހޭދަކޮށްފައިވެއެވެ. ދަނޑުގެ ލައިޓް ސިސްޓަމަށް ވަރަށް ބޮޑަށް މައްސަލަ ދިމާވެ، މެޗުގެ ތެރެއިންވެސް ދެ ފަހަރަކަށް ދަނޑު ނިވިގެން ގޮސްފައިވާ އިރު، މެޗުގެ ފަހު ބައި ކުރިއަށް ގެންދިޔައީ މެޗު ކޮމިޝަނަރުގެ އިތުރުން މުބާރާތުގެ ކޮމިޓީންނާއި އެފްއޭއެމްގެ އިސް އޮފިޝަލުން މަޝްވަރާކޮށްފައެވެ.

މިއަދުގެ މެޗު ހަވީރު 4:00 ގައި ފަށައިގެން ކުރިއަށް ގެންދިޔަ ނަމަވެސް އިރު އޮއްސުނު ފަހުން މެޗު ކުޅެން ޖެހުނީ އިތުރު ވަގުތުގެ 30 މިނެޓް ކުޅެން ޖެހުމުންނެވެ. އެ ވަގުތަށް ދިޔައިރު ދަނޑުގެ ލައިޓުތައް ރަނގަޅު ނޫން ކަމަށް ފާހަގެވެފައިވާ އިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ލައިޓުތަކަށް މައްސަލަ ބޮޑަށް ދިމާވީ މީގެ ދެ ރޭ ކުރިން މުޅި ދަނޑުގެ ލައިޓް ސިސްޓަމް ރަނގަޅު ކުރުމަށް ކުރި މަސައްކަތުގައެވެ. އޭގެ ކުރިން ދަނޑުގެ އަލި ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއަދުގެ މެޗު މެދުކަނޑާލި އިރުވެސް 2-1 އިން ކުރީގައި އޮތީ ވެލެންސިއާއެވެ.