ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓް ކިޓު އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ވިސްނަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް ބޭނުން ކުރަމުން އަންނަ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހުއްދަ ދީފައިވާ ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުތައް އާންމުކޮށް ބޭނުންކުރުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ބޭނުން ކުރެވޭނީ ނުވަތަ ގޮތެއް ނިންމާނެ ދުވަހެއް އަދި ހާމަކުރަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ޑރ. އަފްޒަލް މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ. ރާއްޖޭގައި މިހާރު ރެޕިޑް އެންޓިޖެން ޓެސްޓު ކިޓު ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ހަމަ އެކަނި އައިޖީއެމްއެޗަށެވެ. އިތުރު ތަނަކަށް މި ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވި ނަމަވެސް ބައެއް ރިސޯޓުތަކުން ކޮވިޑަށް ޓެސްޓު ކުރުމަށް މި ކިޓު ބޭނުން ކުރެ އެވެ.

ރެޕިޑް އެންޓިޖެން ޓެސްޓު ކިޓުން ޓެސްޓުކޮށް 15 މިނިޓު ތެރޭގައި ދެ ރޮނގު ބުރި އަރައިފިނަމަ އެމީހަކު ޕޮޒިޓިވް ވާނެ އެވެ.

ދުނިޔޭގެ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް މި ކިޓު ބޭނުންކުރެ އެވެ.