ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް ކޮވިޑް ވެކްސިން ޖަހަން ތައްޔާރު ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެލްތު ޕްރޮގްރާމް މެނޭޖަރު އޮފް އިމިއުނައިޒޭޝަން ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވީ މިހާރު ވެކްސިން ނުޖެހޭ އުމުރުގެ ކުދީންގެ ތެރެއިން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުންދަން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދީންނަށް ކޮވިޑު ވެކްސިން ޖަހަން ފަށަން. ޕްލޭންތައް އެބަ ހެދެމުންދޭ. މިހާތަނަށް އަޅުގަނޑުމެން ވަނީ އެކި ފަރާތްތަކުން މައުލޫމާތު ކަލެކްޓު ކޮށްފަ. ކިހިނެއްތޯ މީތި ރޯލްއައުޓު ކުރާނީ. އަޅުގަނޑުމެންގެ ފަރާތުން ވާން ހުރި ރެޑީއެއް މިހާރު މިހުރީ ވެފަ." އޭނާ ވިދާޅުވި އެވެ.

ނާޝިޔާ ވިދާޅުވީ މި ކުދީންނަށް ޖަހަން ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި މި ވެކްސިން ޕްރޮގްރާމް ފެށުމަށް ބޭނުންވާ ޓެކްނިކަލް އެޑްވައިޒްގެ މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެންމެ ފަހުގެ ނިންމުމަކަށް އައުމުން ވެކްސިންގެ ޑޯޒްތައް ރާއްޖެ ގެނެސް ޖަހަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ވަނީ ވެކްސިން ޖަހަން ފަށާފަ އެވެ. އޭގެ ތެރެއިން 90 ޕަސެންޓު ކުދީން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.