ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތަލްސާތައް އަންނަ ފެބުރުއަރީމަހުގެ ތިންވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ އަށްވާ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއެވެ.

އެ ޖަލްސާގެ އެޖެންޑާވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ ހާމަކޮށްފައެވެ. އެޖެޑާގައިވާގޮތުން އެދުވަހުގެ ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.

މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރއިްޔާ އިއްވަވަން ލާޒިމްވެ ވަޑައިގަންނަވާ ބަޔާނެކެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

އެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެދުވަހުގެ މަޖިލިސް ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ޖަވާބު ދެއްވުމަށް ޖެހިވަޑައިގަންނަވާ ނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނީ މަޖިލިހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު ރެޑްވޭވް އަހުމަދު ސަލީމެވެ.