އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ސައުތުހެމްޓަން ކައިރީ އެއްވަރު ވެއްޖެއެވެ.

ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މިއީ މާޔޫސީ ނަތީޖާއެކެވެ. އެޓީމުން މެޗަށް ނުކުތީ، މިރޭ މެޗުގެ ކުރިން އެންމެފަހުން ލީގުގައި ކުޅުނު 12 މެޗުންވެސް މޮޅުވެފައި އޮވެގެންނެވެ. މިރޭ މެޗުގެ ކުރިން މޮޅުވި 12 މެޗުގައި ސިޓީން 34 ގޯލު ޖެހި އިރު، އެޓީމު ކޮޅަށް ވަދެފައި އޮތީވެސް އެންމެ ހަތް ގޯލެވެ. މޮޅުވުމުގެ އެ ސިލްސިލާގައި ވަރުގަދަ ޓީމުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލްވެސް ސިޓީން ބަލިކޮށްފައިވެއެވެ.

އެ ފޯމުގައި އޮއްވައި، ސައުތުހެމްޓަންއިން މިރޭ ސިޓީ ހިފެހެއްޓީ ވަރުގަދައަށް ޑިފެންސްކޮށްގެންނެވެ. ހާއްސަކޮށް ސައުތުހެމްޓަންގެ ފަހަތުން ގާނާގެ މުހައްމަދު ސަލީސޫ އާއި ޕޮލެންޑްގެ ޖާން ބެޑްނަރެކް އަދި ގޯލްކީޕަރު ފްރޭޒާ ފޯސްޓާގެ ކުޅުން މެޗުގައި ފާހަގަވިއެވެ.

ސިޓީން މެޗު ފެށީ އެޓީމުގެ އާންމު ޓެމްޕޯ ގައެވެ. ޕާސްތައް ޖަހައި މަޑުމަޑުން ސައުތުހެމްޓަންގެ މައްޗަށް ގަދަކުރަމުން ދަނިކޮށް އެޓީމަށް ޝޮކެއް ލިބުނީ މެޗުގެ ހަތްވަނަ މިނެޓުގައި ސައުތުހެމްޓަންއިން ނެގި ލީޑުންނެވެ. ކައުންޓާ އެޓޭކް ފުރުސަތެއްގައި އަރްމާންޑޯ ބްރޯޖާ ދިން ބޯޅައަކުން އަރިމަތިން ނެތަން ރެޑްމޮންޑް ތަނަވަސްކޮށްދިން ބޯޅައިން ލީޑު ނަގައިދިނީ ކައިލް ވޯކާ ޕީޓާސްއެވެ.

އުންމީދުކުރި ގޮތާ ހިލާފަށް ސިޓީގެ މައްޗަށް ސައުތުހެމްޓަންއަށް ލީޑު ނެގުމާއެކު ސައުތުހެމްޓަން އެއްކޮށް ކަހަލަ ގޮތަކަށް ފޭބީ ޑިފެންސަށެވެ. ފަހަތަށް ޖެހި ކުޅެމުން ދިޔަ ސައުތުހެމްޓަންގެ ޑިފެންސް ފޫއަޅުވާލަން ސިޓީއަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވި އިރު، އެންމެ ރަނގަޅު ދެ ފުރުސަތެއް ފުރަތަމަ ހާފުގައި ލިބުނީ ރަހީމް ސްޓާލިންގަށެވެ. ސްޓާލިންގެ ފުރަތަމަ ހަމަލާ ފޯސްޓާ މަތަކުރި އިރު، ދެވަނަ ހަމަލާ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފަށް ނުކުމެ ބްރޯޖާ ބޮލުން ޖެހި ބޯޅައަކާއެކު ސައުތުހެމްޓަންއިން ލީޑު ފުޅާ ނުކުރީ ހަމަ ކިރިޔާއެވެ. އެހެން ނަމަވެސް ދެން ފެނުނީ ސިޓީން ފުލުފުލުގައި ހަމަލާ އުފެއްދި ތަނެވެ. ޕޮއިންޓަކަށް ބުރަކޮށް މަސައްކަތް ކުރި ސިޓީގެ ހަމަލާތައް އެކިއެކި ގޮތްގޮތުން ފެނިގެން ދިޔަ އިރު، ކެވިން ޑިބްރޭނާ އާއި ރޮޑްރީ ވަނީ ދުރުންވެސް ބޯޅަތައް ފޮނުވާލައިފައެވެ. ޑިބްރޭނާ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، ރޮޑްރީގެ ނުރައްކާތެރި ހަމަލާއެއް ދަނޑީ ކޭތިލާފައި ބޭރަށް ދިޔައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ޑިބްރޭނާގެ ހިލާ ޖެހުމެއްގެ އެހީގައެވެ. އޭރިއާ ތެރެއަށް ހުރަސްވެގެން ދިޔަ ބޯޅަ ގޯލަށް ވައްދާލައި ސިޓީއަށް ލީޑު ނަގައިދިނީ އެމެރިކް ލަޕޯޓެވެ. އެ ގޯލަށް ފަހުވެސް ސިޓީން ފުލުފުލުގައި ޕްރެޝަރުކޮށް ހަމަލާތައް އުފެއްދި ނަމަވެސް ތިން ޕޮއިންޓް ލިބޭނެ ގޮތެއް ނުވިއެވެ.

މެޗުން އެއްވަރުވެ ސިޓީ އެއްވަނައިގައި އޮތީ 23 މެޗުން 57 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓާ އެކުގައެވެ. ސިޓީން 12 ޕޮއިންޓުގެ ލީޑެއްގައި މިވަގުތުވެސް އޮތް އިރު، ލިވަޕޫލަށް ސިޓީއާ ގާތް ކޮށްލެވެންވެސް އޮތީ އަތުގައި އޮތް ދެމެޗުން ނަތީޖާ ނެރެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާއެކު 22 މެޗުން 25 ޕޮއިންޓް ސައުތުހެމްޓަންއަށް ލިބުނު އިރު، އެޓީމު އޮތީ ތާވަލުގެ 12 ވަނައިގައެވެ.