ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ރާއްޖޭގެ ވެރިކަމުގައި އަދި ދިހަ އަހަރު އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވުޖޫދުވެގެން އައީ ދިވެހީންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.
ކޮންކުރީޓު ތަރައްގީއަކީ އެމްޑީޕީން ގަބޫލުކުރާ ތަރައްގީއެއް ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތަރައްގީއަކީ މީހާއަށް އަންނަ ބަދަލެއް ކަމަށާއި އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމަކީ ތަރައްގީ ކަމަށެވެ.
ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އެންމެ މުހިންމުކަމަކީ ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށާއި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމުން ވަޒީފާ އަދާކުރާ ދިވެހިންނަށް ކުރިއަށްވުރެ ބޮޑު އާމްދަނީއެއް މިހާރު ލިބޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަސައްވަރުގައިވާ ކަންކަން އަދި އެއްކޮށް ހާސިލުނުވާ ކަމަށާއި އެމްޑީޕީން ބޭނުންވާ "ޖަމްޕު" އަދި ނުޖެހޭ ކަމަށެވެ. އެމްޑީޕީން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭން އަދި ދިހަ އަހަރު ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމުގައި އަދި އެބަ ދިހަ އަހަރު ތިބެން ޖެހޭ. މި ދިވެހިރާއްޖެ ބަދަލުވުމަށް، ދިވެހިންގެ އާންމު ހާލަތު ރަނގަޅުވުމަށް އަޅުގަނޑުމެން މި ހިންގާ ސިޔާސަތުތައް އަޅުގަނޑުމެންގެ ސިޔާސަތުތައް ތިބޭފުޅުންގެ ތަސައްވަރުތައް ހިންގާ ތަންފީޒުވާން ޖެހޭ" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ބޭނުންވަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރަން ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ދަންނަ ނިޒާމެއް ކަމަށާއި އެއީ އިދިކޮޅު ޕީޕީއެމުން ދަންނަ ނިޒާމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު