ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ދެ މީހަކަށް މައާފުދިނީ ކުރީ ސަރުކާރުން: ކްލެމެންސީ ބޯޑު

އަލީ ޔާމިން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ މީހަކަށް މައާފުދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކްލެމެންސީ ބޯޑުން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އަޕްޑޭޓްކޮށް އާންމުކުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު ހިމެނޭ ދަފުތަރުގައި ދެ މީހަކަށް މައާފު ދީފައިވާ ކަމަށް ބުނެފައިވެއެވެ. އެ ދަފުތަރުގައި ބުނެފައިވާގޮތުން ކްލެމެންސީ ބޯޑުގެ ނިންމުމާ އެއްގޮތަށް މައާފު ދީފައިވަނީ ހދ. މާވައިދޫ، ބޮލިޖެހިގެ، އަފްރާހް ހުސައިން (31 އަހަރު) އާއި ނ. މަގުދޫ، ޖަހާމުގުރިގެ، މުހައްމަދު ޖަލީލު (28 އަހަރު) އަށެވެ.

އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސެއިން ހަސަން މިރޭ ވިދާޅުވީ، އަފްރާހު ހުސައިންގެ އަދަބު އެއް މަހަށް ކުރުކޮށް، އަދަބު ލުއި ކުރަން ކްލެމެންސީ ބޯޑުން، އޭރުގެ ރައީސަށް ލަފާ ދިނީ 22 މާޗު 2016ގައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ 8 ސެޕްޓެމްބަރު 2016 ގައި ކަމަށެވެ.

މުހައްމަދު ޖަމީލުގެ އަދަބު ހަތް ދުވަހަށް ކުރުކޮށް، އަދަބު ލުއި ކުރަން އޭރުގެ ރައީސަށް ކްލެމެންސީ ބޯޑުން ލަފާ ދިނީ 29 ފެބްރުއަރީ 2016 ގައި ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ 8 ސެޕްޓެމްބަރު 2016ގައި ކަމަށް ހުސައިން ވިދާޅުވިއެވެ.

ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އަފްރާހުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ 24 މާޗު 2013 ގައެވެ. އޭނާއަށް އިއްވާފައިވަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިގެން ޖަލީލު ދިހަ އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ 27 ޑިސެމްބަރު 2012 ގައެވެ.

ކްލެމެންސީ ބޯޑަކީ މާއާފުކޮށްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ ހުށަހެޅުން ދިރާސާކޮށް އެ ހުށަހެޅުމާ މެދު އަމަލުކުރަންވީ ގޮތުގެ ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.